2013 ވަނަ އަހަރަށް ލަފާކުރައްވާ ދައުލަތުގެ ބަޖެޓަށް 16 މެންބަރަކު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަހުސް ކުރައްވައިފިއެވެ. މިއީ 2013 ވަނަ އަހަރަށް ލަފާކުރައްވާ ދައުލަތުގެ ބަޖެޓަށް މެންބަރުން ބަހުސްކުރައްވާ 2 ވަނަ ދުވަހެވެ.
ޖަލްސާގެ ކޯރަމް ހަމަނުވުމާގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާގޮތުގެ މަތީން މިއަދުގެ ޖަލްސާ ނިންމަވާލެއްވީ 17:05 ގައެވެ. ކޯރަމްގެ ގެއްލުމާގުޅިގެން މިއަދުގެ ޖަލްސާ ޖުމްލަ 2 ފަހަރު ފަސްކުރައްވާފައިވެއެވެ. މާދަމާވެސް 2013 ވަނަ އަހަރަށް ލަފާކުރައްވާ ދައުލަތުގެ ބަޖެޓާބެހޭ ބަހުސް ކުރިއަށް ގެންދެވުމަށް ހަމަޖެހިފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 37 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރަނީ މަޖިލީހުގެ ޖަލްސާއެއް ހިނގަމުންދަނިކޮށް، ޖަލްސާއަށް ހާޒިރުވެތިބި މެންބަރުންގެ ޢަދަދު ޤާނޫނީ ޢަދަދަށްވުރެ މަދުވެއްޖެނަމަ، އެހިސާބުން އެޖަލްސާއެއް ހުއްޓާލާ، ކޯރަމް ރަނގަބީލު ޖަހަންވާނެއެވެ. ކޯރަމް ރަނގަބީލު ޖެހުމަށްފަހު 5 މިނެޓް ބަލައި، މަޖިލިސްކުރާ މާލަމުގައި ހާޒިރުވެ ތިބި މެންބަރުންގެ ޢަދަދު ބަލަންވާނެއެވެ. އަދި އެ ޢަދަދަކީ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ގެންދިޔުމަށް ބޭނުންވާ ޤާނޫނީ ޢަދަދަށްވުރެ މަދު ޢަދަދެއްކަމަށްވާނަމަ، މެންބަރުންނަށް 30 މިނިޓަށްވުރެ ދިގުނޫން މިންވަރަށް ހުސްވަގުތުކޮޅެއްދީ، ޤާނޫނީ ޢަދަދު ހަމަވޭތޯ މަޖިލީހުގެ ރައީސަށް ބެލިދާނެއެވެ. ނުވަތަ އެ ޖަލްސާ ނުބާއްވާގޮތަށްވެސް މަޖިލީހުގެ ރައީސަށް ނިންމިދާނެއެވެ.
ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 6 ޑިސެމްބަރ 2012 ވާ ބުރާސްފަތިދުވަހު ހެނދުނު 09:00 ޖަހާއިރު މަޖިލީސްކުރާގޭގައެވެ.
21 މުޙައްރަމް 1434
05 ޑިސެމްބަރ 2012