އަމިއްލަ ޖަމްޢިއްޔާއެއްކަމުގައިވާ ޑިމޮކްރަސީ ހައުސް އިން އިސްނަގައިގެން، އިންސްޓިޓިއުޓް އޮފް ގަވަރނަންސް އެންޑް ޑިވެލޮޕްމަންޓާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާ ގުޅިގެން ބާއްވާ “ޔޫތް ޕާލިމަންޓް ޕްރޮގްރާމް 2012” ގެ ބައިވެރިން މަޖިލީހުގެ އިދާރާއަށް ޒިޔާރަތް ކުރައްވައިފިއެވެ.
މިޒިޔާރަތުގައި، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ހިގަމުންދާގޮތް ބައިވެރިން ބައްލަވާލެއްވިއެވެ. އަދި މަޖިލީހުގެ ބައެއް ކޮމިޓީތައް ހިނގާގޮތްވެސްވަނީ ބައްލަވާ ލައްވާފައެވެ.
މީގެ އިތުރުން، މިޕްރޮގްރާމުގެ ބައިވެރިން މިއަދު ހަވީރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއެކު ސުވާލާއި ޖަވާބު ސެޝަނެއްގައި ބައިވެރިވެ ރައްޔިތުންގެ މަޖިލީހާއި ބެހޭ މަޢުލޫމާތު ހޯއްދެއްވުމަށްވަނީ ހަމަޖެހިފައިވެއެވެ.
އަތޮޅުތަކާއި މާލެއިން ހޮވާލެވިފައިވާ 40 ޒުވާނުން ބައިވެރިވާ މި މިޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރ 25 ން މިމަހު 15 ގެ ނިޔަލަށެވެ. މިއީ 2010 ވަނަ އަހަރުން ފެށިގެން މަޖިލީހުގެ އެއްބާރުލުމާއިއެކު ޑިމޮކްރަސީ ހައުސްއިން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ބައިވެރިން މޮކް – ޕާލިމެންޓެއް ހުށަހަޅައިދިނުމަށް ހަމަޖެހިފައިވެއެވެ. 