ޤައުމީ ސަލާމަތު ކޮމިޓީގެ 9 ވަނަ ބައްދަލުވުން ބާއްވައިފި

މިއަދު ބޭއްވުނު ޤައުމީ ސަލާމަތުގެ ކޮމިޓީގެ 9 ވަނަ ބައްދަލުވުމުގައި، ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމާއި، އޭނާގެ އެއްބަފާ ކޮއްކޯފުޅު މއ. ކާމިނީހުޅަނގުގޭގެ، އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް، ގުޅިގެން ހިންގަވާފައިވާކަމަށް ތުހުމަތުކޮށްފައިވާ 800 މިލިއަން ޑޮލަރުގެ ތެލުގެ ވަގުވިޔަފާރިއާއި ޚިޔާނާތުގެ މައްސަލަ އާއި، 7 ފެބްރުއަރީ 2012 ގައި ވެރިކަން ބަދަލުވި ޙާދިސާ ދިރާސާކުރެއްވެވި ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީ (ކޯނީ)ގެ ރިޕޯޓް އާއި ގުޅޭގޮތުން ކޮމިޓީއިން ފޮނުއްވާފައިވާ ސިޓީތަކަށް ލިބިފައިވާ ޖަވާބުތަކާއި މެދު މަޝްވަރާކުރެއްވިއެވެ.

ޤައުމީ ސަލާމަތު ކޮމިޓީގެ ފަރާތުން، ކޯނީގެ ރިޕޯޓާ ގުޅިގެން، އެއްވެސް ފަރާތަކުން ލިޔުމެއް ނުވަތަ ވީޑިއޯ ނުވަތަ އޯޑިއޯ ރިކޯޑިން އެއް ވާނަމަ ކޮމިޓީއަށް ހުށަހަޅުއްވައިދެއްވުމަށް އެދި ސިޓީ ފޮނުއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީއަށާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށާއި، ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށެވެ.

މިއަދުގެ ބައްދަލުވުމުގައި، ކޯނީގެ ރިޕޯޓް ދިރާސާ ކުރެއްވުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ފޮނުއްވި ސިޓީއަށް ދީފައިވާ ޖަވާބާ ގުޅިގެން، ޖިނާއީ މައްސަލަތަކުގައި ދައުވާ ކުރުމުގެ ސިޔާސަތު ހޯދުމަށް، އެޓަރނީ ޖެނެރަލް އޮފީހަށް ސިޓީ ފޮނުވުމަށް ކޮމިޓީން ނިންމެވިއެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވީ މުޤައްރިރު ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކް، ދާންދޫ ދާއިރާގެ މެންބަރު މުޙަންމަދު ރިޔާޒް، މަޑަވެލި ދާއިރާގެ މެންބަރު މުޙަންމަދު ނާޒިމް، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޝިފާޤް މުފީދު އަދި ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙީމް ޢަބްދުﷲއެވެ.