ނޫސް ބަޔާން: ރައްޔިތުންގެ މެންބަރުންގެ ޤާނޫނީ ވާޖިބު އަދާކުރުމަށް ހުރަސްއެޅުމަށްޓަކައި ޖިސްމާނީ އަނިޔާގެ ބިރު ދައްކައި، އިންޒާރުކުރުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ރޫޙާ ޚިލާފު، އަދި ޑިމޮކްރެޓިކް ހަމަތަކާއި އުސޫލުތަކާ ޚިލާފުކަމެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި، ނުވަތަ މަޖިލީހުގެ ކޮމިޓީއެއްގައި މަޖިލީހުގެ މެންބަރަކު ނުވަތަ އެނޫންވެސް މީހަކު އިސްލާމްދީނުގެ އަޞްލަކާ ޚިލާފުނުވާނެ ގޮތުގެމަތިން ދެއްކި ވާހަކައެއް ނުވަތަ ހުށަހެޅި ހުށަހެޅުއްމުގެ ސަބަބުން ނުވަތަ ވޯޓު ދިނުމުގައި ޢަމަލުކުރި ގޮތެއްގެ ސަބަބުން، ކޯޓަކަށް އެމީހަކު ހާޒިރުކޮށް ނުވަތަ އެމީހަކާމެދު އެއްވެސް ތަޙްޤީޤެއް ހިންގައި ނުވަތަ ހައްޔަރުކޮށް ނުވަތަ ބަންދެއްކޮށް ނުވަތަ އެމީހަކާމެދު ދަޢުވާއެއްކޮށް ހަދައިގެނެއް ނުވާނެކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 90 ވަނަ މާއްދާގެ (ހ) ގައި ވަރަށް ސާފުކޮށް ބަޔާންކުރެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، މަޖިލީހުގެ ޖަލްސާއެއްގައި، ނުވަތަ މަޖިލީހުގެ ކޮމިޓީއެއްގައި ދައްކަވާ ވާހަކަފުޅުތަކަށާއި، ވޯޓު ދެއްވުމުގައި ޢަމަލުކުރައްވާ ގޮތަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއިން އިސްވެދެންނެވި ގޮތުގެމަތިން ރައްކާތެރިކަމާއި، މިނިވަންކަމާއި، އިމްތިޔާޒު ލިބިދިނުމުގެ މައިގަނޑު ރޫޙަކީ، ރައްޔިތުން ތަމްޞީލުކުރުމަށްޓަކައި ރައްޔިތުން އިންތިޚާބުކޮށްފައިވާ އެއްވެސް މެންބަރަކަށް ބިރުދައްކައި، ނުފޫޒުފޯރުވާ ހެދުމުގެ ފުރުޞަތު އެއްވެސް ފަރާތަކަށް އެއްވެސް މިންވަރަކަށް ނުދިނުމެވެ.

ޑިމޮކްރެޓް ނިޒާމުތަކުގައި، ރައްޔިތުން ތަމްޞީލުކުރުމަށްޓަކައި އެބައިމީހުން އިންތިޚާބުކޮށްފައިވާ މެންބަރުންނާ ހަމައަށް ރައްޔިތުންގެ ޝުޢޫރުތަކާއި ރައްޔިތުން ބޭނުންވާގޮތްތައް ފޯރުކޮށްދިނުމުގެ ތަހުޒީބީ، ރިވެތި އުސޫލުތަކެއް ހުރެއެވެ. އަދި، ރައްޔިތުން ތަމްޞީލުކުރާ މެންބަރުންނާ ހަމައަށް، ރައްޔިތުން އެދޭގޮތް ފޯރުކޮށްދިނުމަކީ ޑިމޮކްރެޓިކް ނިޒާމްތަކުގައި ކަންކުރާ، އަދި ކަންކުރަންވާނެ ގޮތެވެ. އެހެންނަމަވެސް، ރައްޔިތުން އިންތިޚާބުކޮށްފައިވާ މެންބަރުންނަށް ރައްޔިތުންގެ ޝުޢޫރުތައް ފޯރުކޮށްދިނުމުގެ ނަމުގައި މެންބަރުންނަށް ނަފްސާނީ ނުވަތަ ޖިސްމާނީ އަނިޔާކުރުމާއި، ބިރުދެއްކުންފަދަ ޢަމަލުތައް ހިންގުން އެ އުސޫލުތަކުގެ ތެރޭގައި ހިމެނިގެނެއް ނުވެއެވެ.