ޖަރުމަންވިލާތުގެ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

ޖަރުމަންވިލާތުގެ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ޑރ. ޔަރގަން މޯހާޑް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު ގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވެވި މިބައްދަލުވުމުގައި، ޖަރުމަންވިލާތުގެ ސަފީރަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މަރްޙަބާ ވިދާޅުވިއެވެ. އަދި ރާއްޖެއާއި ޖަރުމަންވިލާތާ ދެމެދު އޮތް ގުޅުމާއި، މިގުޅުން އިތުރަށް ބަދަހިކުރެއްވުމާބެހޭގޮތުން ދެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ.

މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ވާހަކަފުޅުގައި، ރާއްޖޭގައި ޑިމޮކްރަސީގެ ނިޒާމް އިތުރަށް ހަރުދަނާވެ، ސިޔާސީ ގޮތުން އަމާން ވެއްޓެއް ޤާއިމްވުމަށް އުންމީދު ކުރައްވާކަމަށް ވިދާޅުވިއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ދައުރާއި ރައްޔިތުންގެ މަޖިލީހުގައި މިހާރު ކުރެވެމުންދާ މަސައްކަތްތަކާބެހޭގޮތުން ޖަރުމަންވިލާތުގެ ސަފީރަށް މަޢުލޫމާތު ދެއްވާ އަދި ޖަރުމަން ސަރުކާރުން ފޯރުވައިދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރައްވައި، އެކަމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި، ޖަރުމަންވިލާތުގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަށް މިހާރު އެހީތެރިކަން ބޭނުންވެފައިވާ ދާއިރާތައް ފާހަގަކޮށް، އެޤައުމުގެ ފަރާތުން ކޮށްދެވެން ހުރި ކަންތައްތައް ބައްލަވައި ތަފާތު އެކި ދާއިރާތަކުން ރައްޔިތުންގެ މަޖިލީހާއެކު މަސައްކަތްކުރައްވާނެ ކަމުގައި ވިދާޅުވިއެވެ.

ޖަރުމަންވިލާތުގެ ސަރުކާރުން ރާއްޖެއަށް އާ ސަފީރެއް ކަނޑައަޅުއްވާފައިވަނީ 10 އޮކްޓޯބަރ 2012 އެވެ.