ޢާންމު ސިއްޙަތު ރައްކާތެރިކުރުމުގެ ބިލު ކޮމިޓީން ނިންމަވާފައިވާގޮތަށް މަޖިލީހުން ގެންނެވި އިޞްލާޙްތަކާއެކު ފާސްކުރައްވައިފި

ޢާންމު ސިއްޙަތު ރައްކާތެރިކުރުމުގެ ބިލު ކޮމިޓީން ނިންމަވާފައިވާގޮތަށް މަޖިލީހުން ގެންނެވި އިޞްލާޙްތަކާއެކު މިއަދު ފާސްކުރައްވައިފިއެވެ.

މި ބިލު ފާސްކުރައްވާފައިވަނީ 26 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. ފާސްކުރައްވަން ފެނިވަޑައިނުގަންނަވާކަމަށް ވޯޓް ދެއްވީ 6 މެންބަރުންނެވެ. އަދި 12 މެންބަރުން ވަކިފަރާތަކަށް ވޯޓް ދެއްވާފައެއް ނުވެއެވެ.

މިބިލަށް މަޖިލީހުން ގެންނެވި ފުރަތަމަ އިޞްލާހަކީ ބިލުގެ 10 ވަނަ މާއްދާގެ (ހ) ގެ 7 ވަނަ ނަންބަރަށް ހުށަހެޅުއްވި އިޞްލާޙެވެ. މި އިޞްލާޙް ފާސްކުރައްވާފައިވަނީ 26 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. އެ އިޞްލާޙުގައިވަނީ ” 10. (ހ) 7. ފެމިލީ ހެލްތް އޮފިސަރުން.” އެވެ.

މިބިލަށް ގެންނެވި ދެވަނަ އިޞްލާޙަކީ ބިލުގެ 10 ވަނަ މާއްދާގެ (ހ) ގެ 8 ވަނަ ނަންބަރަށް ހުށަހެޅުއްވި އިޞްލާޙެވެ. މި އިޞްލާޙް ފާސްކުރައްވާފައިވަނީ 27 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. އެ އިޞްލާޙުގައިވަނީ ” 10. (ހ) 8. ކޮމިއުނިޓީ ހެލްތް އޮފިސަރުން.” އެވެ.

14 މުޙައްރަމް 1434

28 ނޮވެމްބަރ 2012