މިއަދު ބޭއްވުނު އިޤްތިޞާދީ ކޮމިޓީގެ 40 ވަނަ ބައްދަލުވުމުގައި، މިއަދުގެ ބައްދަލުވުމުގައި މަޖިލީހުގެ ގަވާއިދުގެ ދަށުން ފާހަގަކުރައްވާފައިވާ ސަރުކާރުގެ އިދާރާތަކުގެ އަހަރީ ރިޕޯޓްތައް ކޮމިޓީން ދިރާސާކުރެއްވުމަށް ފެއްޓެވުމަށްޓަކައި، 2012 ވަނަ އަހަރު ފެށުނު އިރު އަހަރީ ރިޕޯޓް ފޮނުއްވާފައި ނުވާ އިދާރާތަކުން އަހަރީ ރިޕޯޓް ހޯދުމަށް ނިންމެވިއެވެ. އަދި 2013 ވަނަ އަހަރު ތެރޭގައި އަހަރީ ރިޕޯޓްތައް މަޖިލީހުގެ އިދާރާއަށް ފޮނުއްވާނެ ތާރީޚްތަކެއް ކަނޑައަޅުއްވާ އެންގުމަށް އެދިވަޑައިގަންނަވަންވެސް ނިންމެވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 101 ވަނަ މާއްދާގެ (ޅ) ގައި މަޖިލީހަށް ބަޖެޓް ހުށަހެޅޭތާ 2 ހަފްތާ ތެރޭގައި ދާއިމީ ކޮންމެ ކޮމިޓީއަކުން ކޮމިޓީގެ މަސްއޫލިއްޔަތުގެ ދާއިރާގައި ހިމެނޭ ކަންކަމާ ގުޅޭގޮތުން ހުށަހެޅިފައިވާ ބަޖެޓާއި ގުޅޭ ގޮތުން ކޮމިޓީގެ ހިޔާލުތަކާއި، ބަޖެޓް ހުށަހެޅިފައިވާ އަހަރު ތެރޭގައި ކޮމިޓީގެ މަސްއޫލިއްޔަތުގެ ދާއިރާއާ ގުޅޭ ގޮތުން ހިނގަމުންދާ ކަންކަމަށް އިތުރު ޚަރަދު ބޭނުންވާކަމަށްވާނަމަ، ނުވަތަ ބަޔާންކޮށްފައިވާ ޚަރަދަށް އިތުރު ބަދަލު ގެންނަންޖެހޭކަމަށްވާނަމަ އެކަން ފާހަގަ ކުރެއްވުމަށް ފަހު މާލިއްޔަތު ކޮމިޓީއަށް ފޮނުއްވުމަށް އެދިވަޑައިގެން މަޖިލީހުގެ ރައީސް ފޮނުއްވާފައިވާ ސިޓީއާއި ގުޅޭ ގޮތުން ކޮމިޓީގައި މަޝްވަރާކުރެއްވިއެވެ. އަދި ކޮމިޓީގެ މަސްޢޫލިއްޔަތުގެ ދަށުގައިވާ މިނިސްޓްރީތަކަށް ރައްޔިތުންގެ މަޖިލީހުގެ 101 ވަނަ މާއްދާގެ (ޅ) ގެ ދަށުން ފާހަގަކުރައްވާފައިވާ މައުލޫމާތު ހޯދުމަށް ސިޓީ ފޮނުއްވުމަށް ނިންމެވިއެވެ.
ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ބިލުގެ މަސައްކަތްވެސް މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ކުރިއަށްގެންދެވިއެވެ. މިގޮތުން، ބިލުގެ 13 ވަނަ މާއްދާ އިން ފެށިގެން 26 ވަނަ މާއްދާގެ ގެ ނިޔަލަށް ބައްލަވާފައިވެއެވެ.
މިއަދުގެ ކޮމިޓީ ބައްދަލުވުމަށ ްހާޒިރުވެވަޑައިގެންނެވީ މުޤައްރިރު ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރު، ތިނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޤަސަމް، މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު، ގަމު ދާއިރާގެ މެންބަރު ޔޫސުފް ޢަބްދުލްޣަފޫރު، މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް، އިނގުރައިދޫ ދާއިރާގެ މެންބަރު ޙަމްދޫން ޢަބްދުﷲ ޙަމީދު، ފުނަދޫ ދާއިރާގެ މެންބަރު ޢަލީ ސަލީމް، ފެލިދޫ ދާއިރާގެ މެންބަރު ޔޫސުފް ނައީމް އަދި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާއެވެ.