ރައްޔިތުންގެ މަޖިލީހުގެ ރައީސް ޖުވެނައިލް ކޯޓަށް ވަޑައިގަތުމަށް ދަންނަވާފައިވާ ދެންނެވުމަކީ އެ ކޯޓުން އަދާކުރަންޖެހޭ ޤާނޫނީ މަސްއޫލިއްޔަތުގެ ބޭރުން ދަންނަވާފައިވާ ދެންނެވުމަކަށްވާތީ އެ ދެންނެވުމަކީ ބާޠިލް ދެންނެވުމެއްް ކަމަށް ސްޕްރީމް ކޯޓުން ކަނޑައަޅުއްވައިފި

ޖުވެނައިލް ކޯޓަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަޑައިގަތުމަށް އަންގައި، ރައްޔިތުން މަޖިލީހުގެ ރައީސަށް ޖުވެނައިލް ކޯޓުން ފޮނުއްވާފައިވާ ދެންނެވުމަކީ އެ ކޯޓުން އަދާކުރަންޖެހޭ ޤާނޫނީ މަސްއޫލިއްޔަތުގެ ބޭރުން ދަންނަވާފައިވާ ދެންނެވުމަކަށްވާތީ އެ ދެންނެވުމަކީ ބާޠިލް ދެންނެވުމެއް ކަމަށް ސްޕްރީމް ކޯޓުން ކަނޑައަޅުއްވައިފިއެވެ.

ސްޕްރީމް ކޯޓުން މިގޮތަށް ކަނޑައަޅުއްވާފައިވަނީ، ސްޕްރީމް ކޯޓުން މިއަދު ނެރުއްވި މެންޑާމަސް އަމުރު ގައެވެ.

ސްޕްރީމް ކޯޓުން މިއަދު ނެރުއްވި އަމުރުގައި ވިދާޅުވެފައިވަނީ އިދާރީ ގޮތުން ޢަދުލް އިންސާފް ޤާއިމްކުރުމުގެ ދާއިރާއަށް ބޭނުންވާ އެންމެހައި އެހީތެރިކަން ފޯރުކޮށްދިނުމަކީ ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މަސްއޫލިއްޔަތެއް ކަމަށް، ސްޕްރީމް ކޯޓުގެ ނަންބަރު SC/02/2009 ސަރކިއުލަރގައި ބަޔާންކޮށްފައިވާނެ ކަމަށާއި، ޝަރުޢީ ދާއިރާގައި މަސައްކަތްކުރާ ފަނޑިޔާރުންނާއި، ފަނޑިޔާރުންގެ އާއިލާގެ ބޭފުޅުންނަށް ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ ދަށުން ލިބިދޭންޖެހޭ އިންޝުއަރަންސްގެ ޚިދުމަތް ލިބިދިނުމަށްޓަކައި ކަމާބެހޭ ފަރާތްތަކާއި ގުޅިގެން މަސައްކަތް ކުރުމަކީ ޝަރުޢީ ދާއިރާގެ އިދާެރީ ކަންތައްތައް ބަލަހައްޓާ ފަރާތުގެ މެންޑޭޓްގެ ތެރޭގައި ހިމެނޭ ކަމެއް ކަމުގައެވެ.

އެހެންކަމުން ޖުވެނައިލް ކޯޓުގެ ފަނޑިޔާރުންގެ މެޑިކަލް އިންޝުއަރަންސް ހަމަޖެހިފައިނުވަނީ ކީއްވެތޯ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހުން ސާފުކުރުމަށް ބޭނުންވާކަމަށް ވިދާޅުވެ، 22 ނޮވެމްބަރ 2012 ވަނަ ދުވަހު 13:00 އަށް ޖުވެނައިލް ކޯޓަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަޑައިގެންނެވުމަށް ދަންނަވައި ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ޖުވެނައިލް ކޯޓުން ފޮނުއްވާފައިވާ ސިޓީން ދަންނަވާފައިވާ ދެންނެވުމަކީ ޖުވެނައިލް ކޯޓުން އަދާކުރަންޖެހޭ ޤާނޫނީ މަސްއޫލިއްޔަތުގެ ބޭރުން ދަންނަވާފައިވާ ދެންނެވުމެއް ކަމަށްވާތީ އެ ދެންނެވުމަކީ ބާޠިލް ދެންނެވުމެއް ކަމަށް ކަނޑައަޅުއްވައިފިކަމުގައެވެ.