އައި.ޕީ.ޔޫ.ގެ މިޝަންގެ ބޭފުޅުން މަޖިލީހުގެ ރައީސް އާ ބައްދަލުކުރައްވައިފި

މިހާރު ރާއްޖެވަޑައިގެން އުޅުއްވާ އިންޓަރ-ޕާލިމެންޓްރީ ޔޫނިއަން (އައި.ޕީ.ޔޫ)ގެ މިޝަންގެ ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދުއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

އައި.ޕީ.ޔޫގެ ފަރާތުން މިބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވީ ސެނަޓަރ ފްރޭންސިސް ޕެންޖިލިނަން، މިސްޓަރ ޕީޓަރ ލިލިއެންފެލްޑް އަދި އައި.ޕީ.ޔޫގެ ހިއުމަން ރައިޓްސް ކޮމިޓީގެ ސެކްރެޓަރީ، މިސްޓަރ ރޮޖިއަރ ހައިޒިންގާ އެވެ.

މި ބައްދަލުކުރެއްވުމުގައި މަޖިލީހުގެ ރައީސް ވަނީ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް އޮޅުންފިލުވައިދެއްވާފައެވެ. އަދި ފެބްރުއަރީ 7 ވަނަ ދުވަހަކާއި 8 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނަށް އަނިޔާކޮށްފައިވާކަމަށް ބުނާ މައްސަލައާއި މިދިޔަ ހުކުރު ދުވަހު ފަތިހު ދެ މެންބަރުން ހައްޔަރުކުރި މައްސަލައާގުޅޭގޮތުން މައުލޫމާތު އައި.ޕީ.ޔޫގެ ވަފްދުގެ ބޭފުޅުންނަށް ދެއްވިއެވެ. މީގެއިތުރުން އައި.ޕީ.ޔޫ.ގެ މިފަދަ މިޝަންއެއް ރާއްޖެވަޑައިގެންނެވީތީ އެކަމަށް ޝުކުރު އަދާކުރެއްވިއެވެ.

އައި.ޕީ.ޔޫގެ ވަފްދުގެ ބޭފުޅުންގެ ވާހަކައިގައި ރާއްޖޭގައި ސިޔާސީ ބައިބައިވުން އޮތްކަން ފާހަގަކުރައްވައި ހުރިހާ ފަރާތްތަކުންވެސް ވާހަކަ ދައްކައިގެން ކަންކަން ހައްލުކުރުމުގެ މުހިންމުކަން ފާހަގަ ކުރެއްވިއެވެ. އަދި މިކަންކަން ހައްލުކުރެއްވުމަށް މަޖިލީހުގެ ރައީސް ކުރައްވަމުން ގެންދަވާ މަސައްކަތް އެބޭފުޅުން ފާހަގަ ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި މަޖިލީހުގެ ރައީސްގެ އިތުރުން މަޖިލީހުގެ އަމީން ޢާންމުގެ ނާއިބު އަލްއުސްތާޛާ ފާޠިމަތު ނިއުޝާ ބައިވެރިވެވަޑައިގެންނެވިއެވެ.

22 ނޮވެމްބަރ 2012