މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްއިން ފޮނުއްވާފައިވާ މައްސަލަ ޤައުމީ ތަރައްޤީގެ ކޮމިޓީން ބައްލަވައިފި

މިއަދު ބޭއްވުނު ޤައުމީ ތަރައްޤީގެ ކޮމިޓީގެ 17 ވަނަ ބައްދަލުވުމުގައި މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާއިން، ތުޅާދޫގެ ލޭންޑް ޔޫސް ޕްލޭން ފާސްކުރުމަށް ހުށަހަޅުއްވާފައިވީ ނަމަވެސް، އެ ކަމަށް އެޕްރޫވަލް ނުލިބިވާތީ، އެކަމުގެ ސަބަބުން އެ ރަށުގެ ތަރައްޤީއަށް އަސަރުކޮށްފައިވާ ކަމަށް ބުނެ ފޮނުއްވާފައިވާ ސިޓީ ކޮމިޓީން ބެއްލެވިއެވެ. 12 ނޮވެމްބަރު 2012 ގައި ކޮމިޓީއަށް ފޮނުއްވާފައިވާ މި ސިޓީގައި، ތުޅާދޫގެ ލޭންޑް ޔޫސް ޕްލޭން  މިހާތަނަށް އެޕްރޫވް ނުކޮށް އޮތުމަކީ، ތުޅާދޫއާ މެދު މިނިސްޓްރީ އޮފް ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރއިން އިޙްމާލުވެފައިވާކަމަށް އެ ކައުންސިލްއަށް ޤަބޫލުކުރެވޭ ކަމަކަށްވާތީ އެމައްސަލަ ކޮމިޓީން ބެއްލެވުމަށް އެދިފައިވެއެވެ.

މެންބަރުންގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހު ނިންމަވާފައިވަނީ، މި މައްސަލައާއި ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް މިނިސްޓްރީ އޮފް ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރގެ ކަމާބެހޭ ބޭފުޅުންނާއި ބައްދަލުކުރެއްވުމަށެވެ.

މީގެ އިތުރު މިއަދުގެ ބައްދަލުވުވުމުގައި، ޤައުމީ ތަރައްޤީގެ ކޮމިޓީގެ ސަބް-ކޮމިޓީތަކާއި ހަވާލުކުރައްވާފައިވާ މުޙިންމު މަސައްކަތްތަކާއި، ބިލު ތަކުގެ މަސައްކަތް ނިންމުމުގެ ސުންގަނޑި ސަބް-ކޮމިޓީން އެދިފައިވާ ގޮތަށް ކަނޑައަޅުއްވާފައިވެއެވެ.

މިއަދުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވީ މުޤައްރިރު ކަނޑިތީމު ދާއިރާގެ މެންބަރު މުޙަންމަދު ޙުސައިން، ތިމަރަފުށި ދާއިރާގެ މެންބަރު އަޙްމަދު ޝަރީފް، މަނަދޫ ދާއިރާގެ މެންބަރު މުޙަންމަދު ޠާރިޤް، ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދް، ދުވާފަރު ދާއިރާގެ މެންބަރު މުޙަންމަދު ޒުބައިރު، އިނގުރައިދޫ ދާއިރާގެ މެންބަރު ހަމްދޫން އަބްދުﷲ ޙަމީދު، ކޮމަންޑޫ ދާއިރާގެ މެންބަރު ޙުސައިން ވަޙީދު އަދި ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު ޢާމިރުއެވެ.