ޤާނޫނު އަސާސީގެ 187 ވަނަ މާއްދާގެ ދަށުން ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރު އަދި އެކޮމިޝަންގެ ރައީސް މުޙައްމަދު ފަހުމީ ޙަސަން މެންބަރުކަމުން ވަކިކުރުމަށް މަޖިލީހުން ފާސްކުރައްވައިފި

ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރު އަދި އެކޮމިޝަންގެ ރައީސް މުޙައްމަދު ފަހުމީ ޙަސަން، އެ މަގާމުގައި ހުންނަވައި، މަގާމާ އެކަށީގެންނުވާ އަމަލެއް ހިންގެވިކަމަށް ހުށަހެޅުނު ޝަކުވާގެ މައްސަލަ މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީން ނިންމެވިގޮތުގެ ރިޕޯޓަށް ހުށަހެޅުނު އިސްލާޙަކާއެކު، ޤާނޫނުއަސާސީގެ 187 ވަނަ މާއްދާގެ ދަށުން ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުކަމުން ވަކިކުރުމަށް މަޖިލީހުން ފާސްކުރައްވައިފިއެވެ.

މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީގެ ރިޕޯޓްގައި ކަނޑައަޅުވާފައިވަނީ ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް މުޙައްމަދު ފަހުމީ ޙަސަނާމެދު ތުހުމަތުކުރެވޭ ކަންތައް ނުކުރައްވާކަމަށްވުރެ ބޮޑަށް ކުރެއްވިކަމަށް ޤަބޫލުފުޅުކުރެއްވޭކަމަށެވެ. މިގޮތަށް ނިންމަވާފައިވަނީ ކޮމިޓީގެ 11 މެންބަރުންގެ ތެރެއިން 7 މެންބަރުންގެ ވޯޓުން 26 ޖޫން 2012 ގައެވެ.

މިއަދުގެ ޖަލްސާގައި ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރު އަދި އެކޮމިޝަންގެ ރައީސް މެންބަރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ނިންމަވާފައިވަނީ 38 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. ފެނިވަޑައިނުގަންނަވާކަމަށް 32 މެންބަރުން ވޯޓް ދެއްވާފައިވާއިރު، 2 މެންބަރުން ވަކިފަރާތަކަށް ވޯޓް ދެއްވާފައެއް ނުވެއެވެ.

 މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީން ނިންމެވިގޮތުގެ ރިޕޯޓަށް އިޞްލާޙެއް ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މެންބަރު ވިސާމް ޢަލީ އެވެ. އެއީ ރިޕޯޓްގެ 6 ވަނަ ނަންބަރަށް ހުށަހެޅުއްވި އިޞްލާޙެވެ. މިއިޞްލާޙް ފާސްކުރައްވަން ފެނިވަޑައިގަންނަވާކަމަށް ވޯޓް ދެއްވީ 44 މެންބަރުންނެވެ. ފެނިވަޑައިނުގަންނަވާކަމަށް 26 މެންބަރުން ވޯޓް ދެއްވާފައިވާއިރު 1 މެންބަރަކު ވަކިފަރާތަކަށް ވޯޓް ދެއްވާފައެއް ނުވެއެވެ.

ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 187 ވަނަ މާއްދާގައިވަނީ ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރަކު އެ މަޤާމުން ވަކިކުރެވޭނީ މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެވާފަދަ ޙާލަތެއްގައި، މި މާއްދާގެ (ށ) ގައި އެވާ ގޮތުގެމަތީންނެވެ.

(ހ) ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުންގެ މަޤާމާ އެކަށީގެން ނުވާފަދަ ކަމެއް ކުރިކަމަށް، ނުވަތަ އެ މަޤާމް އަދާކުރުމަށް ޢުޛުރުވެރިވާފަދަ ޙާލަތެއް މެދުވެރިވެއްޖެކަމަށް، ނުވަތަ މަޤާމް އަދާކުރުމުގެ ޤާބިލްކަން ނެތްކަމަށް ފެނިއްޖެ ހިނދެއްގައި؛

(ށ) މިމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޙާލަތެއް މެދުވެރިވެއްޖެކަމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ފެނިގެން، އެ މެންބަރަކު އެ ކޮމިޝަނުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓްގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރުމުން އެ މެންބަރަކު މެންބަރުކަމުން ވަކިވީއެވެ.

5 މުޙައްރަމް 1434

19 ނޮވެމްބަރ 2012