ސިވިލް ސަރވިސް މުވައްޒަފުންނަށް މުސާރައާއި އިނާޔަތްތަކުން އުނިކުރި ފައިސާ އަނބުރާ ދިނުމުގެ މައްސަލައިގައި ވަކި ގޮތެއް ނުނިންމުމަށް މާލިއްޔަތު ކޮމިޓީން ނިންމަވައިފި

މިއަދު ބޭއްވުނު މާލިއްޔަތު ކޮމިޓީގެ 64 ވަނަ ބައްދަލުވުމުގައި، ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކުން އުނިކުރި ފައިސާ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން ކަނޑައަޅުއްވާފައިވާ އުސޫލުތަކާ އެއްގޮތަށް އަނބުރާ ދިނުމާ މެދު މާލިއްޔަތު ކޮމިޓީން ނިންމެވި ގޮތް އެންގެވުމަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލައިގައި ވަކި ގޮތެއް ނުނިންމެވުމަށް ނިންމަވައިފިއެވެ. ކޮމިޓީއަށް ހާޒިރުވެވަޑައިގެންނެވި މެންބަރުން މިގޮތަށް ނިންމެވީ، މި މައްސަލަ ހައްލުކުރެއްވުމަށް ސަރުކާރާއި ސިވިލް ސަރވިސް ކޮމިޝަނާ ދެމެދު މަޝްވަރާ ކުރައްވަމުން ގެންދަވާތީ ކަމަށް ވިދާޅުވެފައިވެއެވެ.

މިއަދުގެ ބައްދަލުވުމުގައި، 1،500 ހައުސިންގް ޔުނިޓްސް އެޅުމަށް ޗައިނާގެ އެގްޒިމް ބޭންކުން ނެންގެވުމަށް ހަމަޖެހިފައިވާ ލޯނުގެ ބަދަލުވެފައިވާ މަޢުލޫމާތު ކޮމިޓީއަށް ފޮނުއްވާ، އެ އާއި މެދު މަޖިލީހުން ނިންމެވި ގޮތް އެންގެވުމަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ސިޓީފުޅެއް ފޮނުއްވާފައިވާތީ، މި މައްސަލަވެސް ބައްލަވާފައިވެއެވެ. އަދި މި މައްސަލައާ މެދު ވަކި ގޮތެއް ނިންމެވުމުގެ ކުރިން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ކޮމިޓީން ނިންމެވިއެވެ.

މިއަދުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވީ މުޤައްރިރު ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް، މަޑުއްވަރި ދާއިރާގެ މެންބަރު ވިސާމް ޢަލީ، އަލިފުށި ދާއިރާގެ މެންބަރު މުޙަންމަދު ނާޝިޒް، ބިލަތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަމްޒާ، މުލަކު ދާއިރާގެ މެންބަރު ޢަބްދުﷲ ޔާމީން އަދި ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރެވެ.