ބަޖެޓް ހުށަހަޅާ ތާރީޚް 27 ނޮވެމްބަރ 2012 ވާ އަންގާރަ ދުވަހަށް ފަސްކޮށްފި

2013 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ހުށަހަޅާ ތާރީޚަކީ 27 ނޮވެމްބަރ 2012 ވާ އަންގާރަ ދުވަސްކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު ހަމަޖައްސަވައިދެއްވައިފިއެވެ.

މަޖިލީހުގެ ރައީސް މިގޮތަށް މިހަމަޖެއްސެވީ 2013 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މަޖިލީހަށް ހުށަހެޅުން 26 ނޮވެމްބަރ 2012 ގައި ބާއްވާގޮތަށް ހަމަޖައްސަވައި އެކަން މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް އެންގެވުމާގުޅިގެން 2013 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ތައްޔާރު ކުރުމަށް ކުރެވެމުންދާ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބަށް ބަލާއިރު އަދި ކުރަން ހުރި ބޮޑެތި މަސައްކަތްތަކެއް ހުރުމާއެކު 26 ނޮވެމްބަރ 2012 އިގެ ތާރީޚުގައި ބަޖެޓް ހުށަހެޅުއްވުމަށް ދަތިފުޅުވާކަމަށް މިނިސްޓަރ އޮފް ފިނޭންސް މަޖިލީހުގެ ރައީސަށް ފޮނުއްވާފައިވާ ސިޓީފުޅާ ގުޅިގެންނެވެ.

އެސިޓީފުޅާ ގުޅިގެން މަޖިލީހުގެ މަސައްކަތާއި ބަޖެޓް ހުށަހަޅާ ތާރީޚް ކުރިއްސުރެ އިންތިޒާމް ކުރެވި ތާވަލް ކުރެވިފައިވާގޮތުން 2013 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ހުށަހަޅާ ތާރީޚަކީ 27 ނޮވެމްބަރ 2012 ވާ އަންގާރަ ދުވަސްކަމުގައި މަޖިލީހުގެ ރައީސް ހަމަޖައްސަވައިދެއްވައި އެކަން މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް މިއަދު ވަނީ އަންގަވާފައެވެ.

6 މުޙައްރަމް 1434

20 ނޮވެމްބަރ 2012