ނެޝަނަލް ޕީޕަލްސް ކޮންގްރެސް ސްޓޭންޑިންގ ކޮމިޓީ އޮފް ޗައިނާގެ ވައިސް ޗެއަރވުމަން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

ނެޝަނަލް ޕީޕަލްސް ކޮންގްރެސް ސްޓޭންޑިންގ ކޮމިޓީ އޮފް ޗައިނާގެ ވައިސް ޗެއަރވުމަން ހަރ އެކްސަލަންސީ މެޑަމް ޗެން ޒިލީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޞިލް އަބްދުﷲ ޝާހިދުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މިއަދު ހެނދުނު 11:00 ގައި މި ބައްދަލުވުން ކުރިއަށް ގެންދަވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައެވެ.

މިބައްދަލުވުމުގައި، ރާއްޖެއާއި ޗައިނާއާއި ދެމެދު އޮންނަ ގާތް ގުޅުމާއި، މިގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ދެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ. އަދި ދެޤައުމުގެ ރައްޔިތުންގެ މަޖިލީހުގެ ދައުރު އިތުރަށް ހަރުދަނާކުރެއްވުމަށް، މަސައްކަތްކުރެއްވޭނެ ދާއިރާތަކާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއަށް އެކި ދާއިރާތަކުން ޗައިނާގެ ފަރާތުން ވެދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރައްވައި، އެކަމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ.

ތިމާވައްޓާއި އަދި އިޔާދަކުރަނިވި ހަކަތައިގެ ރޮނގުން ޗައިނާގެ ފަރާތުން ރާއްޖެއަށް ފޯރުކޮށްދެވޭނެ އެހީތެރިކަމާއި ބެހޭގޮތުން، ނެޝަނަލް ޕީޕަލްސް ކޮންގްރެސް ސްޓޭންޑިންގ ކޮމިޓީ އޮފް ޗައިނާގެ ވައިސް ޗެއަރވުމަން ހަރ އެކްސަލަންސީ މެޑަމް ޗެން ޒިލީ، މިއަދުގެ ބައްދަލުވުމުގައި މައުލޫމާތު ޚިއްސާކުރެއްވިއެވެ.