ރައީސުލްޖުމްހޫރިއްޔާ އާއި ވަޒީރުން ގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހުގައި ކުރިއަށްދާއިރު މަޖިލީހުގައާއި މަޖިލީހުގެ ކޮމިޓީތަކުގެ ނެގޭ ވޯޓު ސިއްރުކުރުމަށް ފާހެއްނުވި

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ 3 ވަނަ ދައުރުގެ 21 ވަނަ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ އާއި ވަޒީރުން ގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހުގައި ކުރިއަށްދާއިރު މަޖިލީހުގައާއި މަޖިލީހުގެ ކޮމިޓީތަކުގެ ނެގޭ ވޯޓު ސިއްރުކުރުމަށް ފާހެއްނުވިއެވެ. މިމައްސަލައާ ގުޅިގެން މިއަދު ނެގުނު ވޯޓުގައި 39 މެންބަރުން ވޯޓުދެއްވާފައިވަނީ ސިއްރުކުރަން ނުފެންނަކަމަށެވެ. މިވޯޓުގައި 34 މެންބަރުން ސިއްރުކުރަން ފެނިވަޑައިގަންނަވާކަމަށް ވޯޓް ދެއްވާފައިވާއިރު 2 މެންބަރަކު ވަކިކޮޅަކަށް ވޯޓުދެއްވާފައެއް ނުވެއެވެ.

     ޢާންމު ކޮމިޓީން މިއަދު މަޖިލީހަށް ހުށަހެޅުއްވި މިރިޕޯޓަކީ، 23 އޮކްޓޯބަރ 2012 ވަނަ ދުވަހު، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 123 ވަނަ މާއްދާގެ (ހ) ގެ ދަށުން ޢާންމު ކޮމިޓީގެ ތިން މެންބަރުން ސޮއިކުރައްވައި، ރައީސުލްޖުމްހޫރިއްޔާ އާއި ވަޒީރުން ގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހުގައި ކުރިއަށްދާއިރު މަޖިލީހުގައާއި މަޖިލީހުގެ ކޮމިޓީތަކުގެ ނެގޭ ވޯޓު ސިއްރުކުރުމަށް އެދިވަޑައިގެން، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 167 ވަނަ މާއްދާގެ (ހ) އިސްލާޙްކުރެއްވުމަށާއި، އެގަވާއިދުގެ 173 ވަނަ މާއްދަގެ ފަހަތަށް އަކުރެއް އިތުރުކުރުމަށާއި އަދި 177 ވަނަ މާއްދާގެ ފަހަތަށް އަކުރެއް އިތުރުކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޒް، ރައްޔިތުންގެ މަޖިލީހުގެ ޢާންމު ކޮމިޓީއަށް ހުށަހަޅުއްވާފައިވާ އިޞްލާޙާ ގުޅޭގޮތުން ޢާންމު ކޮމިޓީގެ ބައްދަލުވުމެއް ބާއްވައި ދެއްވުމަށް އެދިވަޑައިގެން ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރައްވައި، އެމައްސަލައާމެދު އެ ކޮމިޓީން ނިންމެވިގޮތުގެ ރިޕޯޓެވެ.

މިއަދުގެ ޖަލްސާގެ ނިޒާމުގެއްލުމުގެ ސަބަބުން ރިޔާސަތުންވަނީ 1:36 ގައި ޖަލްސާ ނިންމަވާލައްވާފައެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 20 ނޮވެމްބަރ 2012 ވާ އަންގާރަދުވަހު ހެނދުނު 09:00 ގައި މަޖިލީސްކުރާގޭގައެވެ.