ހެނދުނުގެ ސައިފޮދުގެ ސަބަބުން މެންބަރުންނާއި، މުވައްޒަފުންނަށް ދިމާވި ސިއްޙީ މައްސަލަ އާއި ގުޅިގެން ބޭއްވުނު އާންމު ކޮމިޓީގެ ސަބް ކޮމިޓީން އެމައްސަލަ ދިރާސާކޮށް ނިންމަވައިފި

14  ނޮވެމްބަރ 2012 ވީ ބުދަދުވަހު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ސައުތު ބީޗުން ފޯރުކޮށްދެއްވި ހެނދުނުގެ ސައިފޮދުގެ ސަބަބުން މެންބަރުންނާއި، މުވައްޒަފުންނަށް ދިމާވި ސިއްޙީ މައްސަލަ އާއި ގުޅިގެން ބޭއްވުނު އާންމު ކޮމިޓީގެ ސަބް ކޮމިޓީން އެމައްސަލަ ދިރާސާކޮށް މިއަދު ނިންމަވައިފިއެވެ.

މިއަދުގެ ބައްދަލުވުމުގައި، މެންބަރުންނާއި، މުވައްޒަފުންނަށް ސިއްޙީ މައްސަލަތަކެއް އެދުވަހުގައި ދިމާވާން މެދުވެރިވި ސަބަބަކީ، މެމްބަރުންނަށް ސައުތު ބީޗުން ފޯރުކޮށްދެއްވި ހެނދުނުގެ ސައިފޮދުގެ ތެރޭގައި ހިމެނޭ ކުޅިމަހުގައި ހިސްޓަމިންގެ އަސަރު ކަންބޮޑުވާ ދަރަޖައަކަށް ހުރުމުންކަމުގައި ކޮމިޓީއަށް މަޢުލޫމާތު ދެއްވި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ބޭފުޅުންގެ މަޢުލޫމާތުން ސާފުވާކަމުގައި ކޮމިޓީން ފާހަގަކުރައްވާފައިވެއެވެ. އެހެންކަމުން މިހާތަނަށް ކޮމިޓީއަށް ލިބުނު މަޢުލޫމާތުގެ އަލީގައި، އެ ކޮމިޓީއަށް ލިބުނު މަޢުލޫމާތުތައް ހިމެނޭގޮތަށް ކޮމިޓީން މިމައްސަލަ ނިންމައި ރިޕޯޓް މައި ކޮމިޓީއަށް ހުށަހެޅުއްވުމަށްވެސް ކޮމިޓީން އިއްތިފާޤުވެފައިވެއެވެ.

މީގެއިތުރުން، މައި ކޮމިޓީއަށް ހުށަހަޅުއްވާ ރިޕޯޓްގައި ރިކޮމެންޑޭޝަންގެ ގޮތުގައި 2 ކަމެއް ފާހަގަކުރެއްވުމަށް ނިންމެވިއެވެ. އެއީ މިމައްސަލައަށް ދާއިމީ ހައްލެއް ޢާންމުކޮމިޓީން ކަނޑައަޅަންދެން ވަގުތީ ގޮތުން ސައިގެ ކަންތައް ރައްޔިތުންގެ މަޖިލީހުގެ ރައީސްއަށް ފެނިވަޑައިގަންނަވާ ގޮތަށް ކުރިއަށްގެންދިއުމަށް ލަފާދެއްވުމަށާއި، މިމައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށްޓަކައި ދުނިޔޭގެ އެހެން ޤައުމުތަކުގެ ޤާނޫނުހަދާ މަޖިލިސް ތަކުގައި މެންބަރުންނާއި ސެކެރެޓޭރިއޭޓުންގެ ކެއިން ބުއިމުގެ ކަންތައް ހަމަޖެހިފައިވާގޮތް ބަލައި، އެގޮތުގެ މަތިން ޢަމަލުކުރުމަށް ފެންނަކަމަށެވެ.

އަދި މީގެއިތުރުން، މިމައްސަލައާ ގުޅިގެން މަޖިލީހުގެ ސެކިއުރިޓީ ކޮންޓީޖެންޓްގެ އިސް ބޭފުޅުންނާއި ބައްދަލުކުރިކުރުމުގައި، އެބޭފުޅުންގެ ފަރާތުން މަޖިލީހުގެ ސެކިއުރީޓިގެ ކަންކަމުގައި ފާހަގަކުރެވޭ މައްސަލަތަކެއް އެބަހުރިކަމަށާއި، އެކަންކަން ރަނގަޅުކުރުމަށް މަޖިލީހުގެ އަމީން ޢާންމުއަށް ހުށަހަޅުއްވާފައިވާނެކަމަށް ބަޔާންކޮށްފައިވާތީވެ، އެކަންކަން ޢާންމު ކޮމިޓީގެ ސަމާލުކަމަށް ގެނައުމަށް ރިޕޯޓުގައި ހިމެނުއްވުމަށްވެސް ކޮމިޓީގެ އިއްތިފާޤުން ނިންމަވާފައިވެއެވެ.

މިއަދުގެ ބައްދަލުވުމަށް ކޮމިޓީގައި ހިމެނިވަޑައިގަންނަވާ 4 މެންބަރުން ހާޒިރުވެވަޑައިގެންނެވިއެވެ. އެއީ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ އަބްދުއްރަޙީމް، ގެމަނަފުށި ދާއިރާގެ މެންބަރު އިލްހާމް އަޙްމަދު، މިލަންދޫ ދާއިރާގެ މެންބަރު އަބްދުލްމުޙުސިން ޙަމީދު އަދި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙުމަދު އީސައެވެ. މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ކޮމިޓީއަށް ވަޑައެއް ނުގަންނަވައެވެ.