ރައްޔިތުންގެ މަޖިލީހުގެ ދެ މެންބަރަކު ހައްޔަރު ކުރުމާއި ގުޅިގެން މަޖިލީހުގެ ޤަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އަމަލު ކުރެއްވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސަސްއަށް މަޖިލީހުގެ ރައީސް އަންގަވައިފި

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު އާއި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙާމިދު ޢަބްދުލް ޢަފޫރު މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހައްޔަރު ކުރެއްވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އެންގެވި އެންގެވުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އަމަލުކުރެއްވުމަށް  މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޞިލް ޢަބްދުﷲ ޝާހިދު އަންގަވައިފިއެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 88 ވަނަ މާއްދާގެ ދަށުން އެކުލަވާލައި، އަމަލުކުރަމުން އަންނަ ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގެ 202 ވަނަ މާއްދާގެ (ރ) ގައި ބަޔާން ކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ މަޤާމުން ދުރުކުރުމުގެ މައްސަލައެއް ނުވަތަ ވަޒީރެއްގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލައެއް ނުވަތަ ފަނޑިޔާރުންނާއި، މިނިވަން މުސްތަޤިއްލު މުއައްސަސާތަކުގެ މެންބަރުންނާއި މިނިވަން މުސްތަޤިއްލު މަޤާމު ތަކުގައި ތިބޭ މީހުން މަޤާމުން ވަކިކުރުމުގެ މައްސަލައެއް މަޖިލީހަށް  ހުށައެޅިފައިވާ ވަގުތެއްގައި އެ މައްސަލައާއި މެދު މަޖިލީހުން ގޮތެއް ނިންމުމުގެ ކުރިން މެންބަރަކު ހައްޔަރެއް ނުކުރެވޭނެ ކަމުގައެވެ.

މި ވަގުތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަޙީދު ޙަސަން މަޤާމުން ދުރުކުރުމުގެ މައްސަލައަކާއި، ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް އަލްފާޞިލް މުޙަންމަދް ފަހުމީ ޙަސަން މަޤާމުން ދުރުކުރުމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށައެޅިފައިވާ ވަގުތެކެވެ.

އެހެން ކަމުން ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުން މަތިން ޢަމަލުކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އަންގަވައިފިއެވެ.