ސައިފޮދަށް ގެނައި ބައެއްތަކެތި ފަރިއްކުޅުވުމުގެ ސަބަބުން ބައެއް މެންބަރުންނާއި ބައެއް މުވައްޒަފުން ހޮސްޕިޓުލައި އެޑްމިޓް ކުރަންޖެހިއްޖެ

މިއަދު ސައިފޮދަށް ގެނައި ބައެއްތަކެތި ފަރިއްކުޅުވުމުގެ ސަބަބުން ބައެއް މެންބަރުންނާއި ބައެއް މުވައްޒަފުން ހޮސްޕިޓަލުއި އެޑްމިޓް ކުރަންޖެހިއްޖެއެވެ.

އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު އާއި މަޖިލީހުގެ ސެކިއުރިޓީ ބަލަހައްޓަވާ އެމްއެންޑީއެފްގެ މުވައްޒަފުންގެ ތެރެއިން 3 މުވައްޒަފަކާއި މަޖިލީހުގެ އިދާރާގެ މުވައްޒަފުންގެ ތެރެއިން 3 މުވައްޒަފަކު ވަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާދޭން ފަށާފައެވެ. ނަމަވެސް މިހާރު މިއެންމެންގެ ހާލުވެސް އަންނަނީ ރަނގަޅުވަމުންނެވެ.

މިއަދުގެ ޖަލްސާ ހިނަގަމުންދިޔަވަގުތު މިކަން މަޖިލީހުގެ ރައީސްގެ ސަމާލުކަމަށް އައުމާއިއެކު މަޖިލީހުގެ ރައީސް އެކަމާބެހޭގޮތުންވަނީ ފިޔަވަޅު އަޅުއްވާފައެވެ. އެގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސް އާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއަށް މިކަން އެންގެވުމާއެކު، މަޖިލީހުގެ އިދާރާގެ މިބާވަތުގެ ކަންކަން ބެލުމުގެ މަސްއޫލިއްޔަތު ހަވާލުވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ޢާންމު ކޮމިޓީގެ ސަމާލުކަމަށް މިކަން ވަނީ ގެންނަވާފައެވެ. އަދި އެފަރާތްތަކުންވަނީ މިކަމާބެހޭގޮތުން އަވަސް ފިޔަވަޅުތަކެއް އަޅުއްވަން ފައްޓަވާފައެވެ. އެގޮތުން ޢާންމު ކޮމިޓީން އެކޮމިޓީގެ ކުއްލި ބައްދަލުވުމެއް ބާއްވަވައި މިކަމަށްޓަކައި ޚާއްސަ ޓާސްކް ފޯހެއް ވަނީ އެކުލަވާލައްވާފައެވެ.

މިޓާސްކް ފޯހުގެ މުޤައްރިރަކަށް ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށި ދާއިރާގެ ޢިއްޒަތްތެރި މެންބަރު އިލްހާމް އަޙްމަދު ވަނީ ހޮއްވަވާފައެވެ.

29 ޛުލްޙިއްޖާ 1433

14 ނޮވެމްބަރ 2012