ދިވެހިރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ބަލައިގެންފި

ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 75/4 (ދިވެހިރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ބަލައިގަންނަން މިއަދު ފާސްކުރައްވައިފިއެވެ.

މިބިލު ބަލައިގަންނަން ފެނިވަޑައިގަންނަވާތޯ ވޯޓަށް އެއްސެވުމުން، ފެނިވަޑައިގަންނަވާކަމަށް ވޯޓް ދެއްވީ 24 މެންބަރުންނެވެ. އަދި ފެނިވަޑައިނުގަންނަވާކަމަށް 24 މެންބަރުން ވޯޓް ދެއްވާފައިވާއިރު 11 މެންބަރުން ވަކިފަރާތަކަށް ވޯޓް ދެއްވާފައެއްނުވެއެވެ. މިބިލު ބަލައިގަންނަން ފެނިވަޑައިގަންނަވާކަމަށް އަދި ފެނިވަޑައިނުގަންނަވާކަމަށް ދެއްވި ވޯޓުގެ އަދަދު ހަމަހަމަވުމާގުޅިގެން، މިބިލު ބަލައިގެންފައިވަނީ ޤާނޫނުއަސާސީގެ 87 ވަނަ މާއްދާގެ (ނ) އާއި މަޖިލީހުގެ ގަވާއިދުގެ 166 ވަނަ މާއްދާގެ (ހ) ގައިވާގޮތުގެމަތިން ރިޔާސަތަށް ފެނިވަޑައިގަންނަވާ ކޮޅަކަށް ވޯޓް ދެއްވުމާގުޅިގެންނެވެ.

މިބިލު ބަލައިގަތުމާގުޅިގެން، ބިލު ދިރާސާކުރެއްވުމަށް ވަނީ ޤައުމީ ސަލާމަތު ކޮމިޓީއަށް ފޮނުވިފައެވެ.

މީގެއިތުރުން މިއަދުގެ ޖަލްސާގައި ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގައިވާ އިޞްލާޙުތައް އެޤާނޫނަށް ގެންނެވުމަށް އިޖްތިމާޢީ ކޮމިޓީއަށް ފެނިވަޑައިނުގަންނަވާކަމަށް ކޮމިޓީން ނިންމަވާފައިވާތީ އެކޮމިޓީން ނިންމެވިގޮތަށް މަޖިލީހުން ފާސްކުރައްވާފައިވެއެވެ. މިގޮތަށް ފާސްކުރެއްވުމާ ގުޅިގެން މި ބިލު ވަނީ ބާޠިލްވެފައެވެ. މިގޮތަށް ފާސްކުރައްވާފައިވަނީ 59 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. ފެނިވަޑައިނުގަންނަވާކަމަށް ވޯޓް ދެއްވީ 2 މެންބަރުންނެވެ. އަދި ވަކިފަރާތަކަށް ވޯޓް ނުދެއްވާ އެއްވެސް މެންބަރަކު ނެތެވެ.

މިއަދުގެ ޖަލްސާގައި ޤާނޫނު ނަންބަރު 2009/8 (ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ކޮމިޓީ މަރުޙަލާ ނިމި މަޖިލީހުން ރިޢާޔަތްކުރެއްވުމަށް ހުށަހަޅުއްވާފައިވެއެވެ. އަދި ސަރުކާރުގެ ފަރާތުން، ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙީމް ޢަބްދުﷲ ހުށަހަޅުއްވާފައިވާ، ދައުލަތުގެ މަސްއޫލު މަޤާމުތައް ފުރާ މީހުންގެ މުދަލާއި ފައިސާ ހާމަކުރުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުމުގެ ގޮތުން އެ ބިލުގެ ސުރުޚީ މަޖިލީހަށް އިއްވާފައިވެއެވެ.

މިއަދުގެ ޖަލްސާ ނިންމަވާލައްވާފައިވަނީ މަޖިލީހުގެ ގަވާއިދުގެ 213 ވަނަ މާއްދާގެ (ބ) ގެ ދަށުން 13:55 ގައެވެ. މަޖިލީހުގެ ގަވާއިދުގެ 213 ވަނަ މާއްދާގެ (ބ) ގައި ބަޔާންކުރަނީ ވަކިކަހަލަ ކަމެއްގެ ނުރައްކަލެއް މަޖިލީހަށް ކުރިމަތިވެދާނެކަމުގެ ބިރު އުފެދިއްޖެ ހިނދެއްގައި، އެކަމަކުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުގައި، އެ މުއްދަތަށް، މަޖިލީހުގެ ޖަލްސާތައް ނުބޭއްވުމުގެ އިޚްތިޔާރު މަޖިލީހުގެ ރައީސަށް ލިބިގެންވެއެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 19 ނޮވެމްބަރ 2012 ވާ ހޯމަދުވަހު ހެނދުނު 09:00 ގައި މަޖިލީސްކުރާގޭގައެވެ.

29 ޛުލްޙިއްޖާ 1433

14 ނޮވެމްބަރ 2012