ދައުލަތުގެ ބައެއް މުއައްސަސާތަކުގެ ކަރަންޓު ބިލުގެ މައްސަލަ ބެއްލެވުމަށް ފައިނޭންސް މިނިސްޓަރާއި ބައްދަލުކުރެއްވުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ނިންމަވައިފި

މިއަދު ބޭއްވެވި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ 19 ވަނަ ބައްދަލުވުމުގައި ދައުލަތުގެ އެކި އޮފީސްތަކާއި އަމިއްލަ ބައެއް ކުންފުނި ތަކުގެ ކަރަންޓު ބިލަށްވާ ފައިސާ ނުދެއްކުމުގެ ސަބަބުން އެތަންތަނުން ސްޓެލްކޯއިން ކަރަންޓް ކަނޑާލާނެ ކަމުގެ އިންޒާރު ދީފައިވާ މައްސަލައާ މެދު މަޝްވަރާކުރައްވާ، މި މައްސަލައާއި މެދު ވަކި ގޮތެއް ނިންމެވުމުގެ ކުރިން މިނިސްޓަރ އޮފް ފައިނޭންސް އެންޑް ޓްރެޜަރީއާ ބައްދަލުކުރެއްވުމަށް ނިންމެވިއެވެ.

އެއަށްފަހު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ފޮނުއްވާފައިވާ މައްސަލައާ ގުޅޭ ގޮތުން ޖަމާލުއްދީން ސްކޫލާއި ސްކޫލްގެ ޕީ.ޓީ.އޭ  އާއި ޤައުމީ ޔުނިވަރސިޓީ އަދި މިނިސްޓަރ އޮފް ފިނޭންސް ޙާޟިރުކުރުމަށް ތިމަރަފުށި ދާއިރާގެ މެންބަރު އަޙްމަދު ޝަރީފު ހުށަހެޅުއްވުމުން، ކޮމިޓީގައި އެވަގުތު ތިއްބެވި މެންބަރުންގެ އަޣުލަބިއްޔަތުން އެގޮތަށް ފާސްވިއެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ރާއްޖެއިން ބޭރުގެ ޤައުމުތަކަށް ކަނޑައަޅާފައި ހުންނަވާ ސަފީރުން އިސްތިޢުފާ ދެއްވަމުން ގެންދަވާ މައްސަލައާއި ޤާނޫނު ނަންބަރު 2011/16 (ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގެ ޤާނޫނު) ތަންފީޒު ކުރެވެމުން ނުދާކަމަށް ފާހަގަކުރައްވަވާ ހުށަހަޅުއްވާފައިވާ މައްސަލަ ނިންމާލުމަށް ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ ހުށަހެޅުއްވިއެވެ. މި ހުށަހެޅުމަށް އެވަގުތު ޙާޟިރުވެވަޑައިގެން ތިއްބެވި އެއްވެސް މެންބަރެއް އިޢުތިރާޟެއް ނުކުރެއްވެމުން މި ގޮތައް ކޮމިޓީއިން ނިންމެވިއެވެ.

އަދި ރާއްޖޭގެ ބައެއް ޙައްޖު ގުރޫޕުތަކުން، ޙައްޖަށް ގެންގޮސްދޭނެކަމަށް ބުނެ، މަކަރާއި ހީލަތުން ވަރަށް ގިނަ ޢަދަދެއްގެ މީހުންގެ އަތުން ފައިސާ ނަގާފައިވާ މައްސަލައާ ގުޅޭ ގޮތުން އިތުރަށް މަޢުލޫމާތު ހޯދުމަށްޓަކައި އިސްލާމިކް މިނިސްޓްރީ ޙާޟިރުކުރުމަށް ކޮމިޓީއިން ނިންމެވިއެވެ.

މީގެ އިތުރުން ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އެކި ރަށްރަށުގައި ފެންބޮޑުވެ، އެކިކަހަލަ ގެއްލުންތަކާ ކުރިމަތިވަމުންދާތީ މިކަމާ ގުޅޭ ގޮތުން އިތުރަށް މަޢުލޫމާތު ހޯއްދެވުމަށް ނެޝެނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުގެ އިސްބޭފުޅުން ޙާޟިރުކުރުމަށް ތިމަރަފުށި ދާއިރާގެ މެންބަރު އަޙްމަދު ޝަރީފު ހުށަހެޅުއްވުމުން، އެވަގުތު ކޮމިޓީއަށް ޙާޟިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާޤުން އެގޮތަށް ވާނީ ފާސްވެފައެވެ.

ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންނަކީ މުޤައްރިރު ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަޙީދު، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ، ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސާ، ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ، ބާރަށު ދާއިރާގެ މެންބަރު މުޙަންމަދު ޝިފާޒް، ތިމަރަފުށި ދާއިރާގެ މެންބަރު އަޙްމަދު ޝަރީފް، މަޑުއްވަރު ދާއިރާގެ މެންބަރު ވިސާމް ޢަލީ، ފުނަދޫ ދާއިރާގެ މެންބަރު ޢަލީ ސަލީމް، ކުރެންދޫ ދާއިރާގެ މެންބަރު އަޙްމަދު މޫސާ އަދި މަނަދޫ ދާއިރާގެ މެންބަރު މުޙަންމަދު ތާރިޤްއެވެ.

ވިލިމާފަންނު ދާއިރާގެ މެންބަރު އަޙްމަދު ނިހާން ޙުސައިން މަނިކު ކޮމިޓީ ބައްދަލުވުމަށް ހާޒިރުވެވަޑައެއްނުގަންނަވައެވެ.