މާލިއްޔަތު ކޮމިޓީއަށް ހުށަހަޅާފައިވާ ކޮރަޕްޝަންގެ މައްސަލަތައް ބެއްލެވުމަށް ސަބް-ކޮމިޓީއެއް އެކުލަވާލައްވައިފި

މިއަދު ބޭއްވުނު މާލިއްޔަތު ކޮމިޓީގެ 60 ވަނަ ބައްދަލުވުމުގައި ކޮމިޓީއަށް ހުށަހެޅިފައިވާ އޮޑިޓް ރިޕޯޓްތަކުގެ މަސައްކަތްތައް ކުރިއަށްގެންދަވާނެ ގޮތާއި ބެހޭ ގޮތުން މަޝްވަރާ ކުރައްވައިފިއެވެ.

އަދި ސަރުކާރުގެ ކުންފުނިތަކުން ބޮޑެތި ކޮރަޕްޝަންގެ މައްސަލަތައް ފެންމަތިވާތީ، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް)، ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް (ޓީ.ސީ.އެލް) ގައި ހުރި މައްސަލަތައް، ސްޓޭޓް ޓެރޭޑިންގް އޯގަނައިޒޭޝަން (އެސް.ޓީ.އޯ) އަދި ފެނަކަ ކޯޕަރޭޝަން އާއި ގުޅޭ ގޮތުން ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލަތައް ބެއްލެވުމަށް 4 މެންބަރުންގެ ސަބް-ކޮމިޓީއެއް އެކުލަވާލެއްވުމަށް  ކޮމިޓީއަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންގެ އަޣްލަބިއްޔަތުން ފާސްކުރެއްވިއެވެ.

މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވީ މުޤައްރިރު ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް، ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، އަލިފުށި ދާއިރާގެ މެންބަރު މުޙަންމަދު ނާޝިޒް، ބިލަތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަމްޒާ، މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން އަދި އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމްއެވެ.