މިނިސްޓަރ އޮފް ހޯމް އެފެއާޒް ޑޮކްޓަރ މުޙައްމަދު ޖަމީލް އަޙްމަދުގެ އިތުބާރުނެތްކަމުގެ މައްސަލަ އަނބުރާ ގެންދަވައިފި

މާދަމާގެ ޖަލްސާއަށް އެޖެންޑާކުރާނެކަމަށް މަޖިލީހުގެ އިދާރާއިން އިއުލާނުކޮށްފައިވާ މިނިސްޓަރ އޮފް ހޯމް އެފެއާޒް ޑޮކްޓަރ މުޙައްމަދު ޖަމީލް އަޙްމަދުގެ މައްޗަށް ހުށަހެޅިފައިވާ އިތުބާރުނެތްކަމުގެ މައްސަލަ އަނބުރާ ގެންދަވައިފިއެވެ.

މިމައްސަލަ އަނބުރާ ގެންދެވިކަން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އަންގަވާފައިވަނީ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރ އިބްރާހީމް މުޙައްމަދު ސާލިހު ސޮއިކުރައްވައި މިއަދު ފޮނުއްވި ސިޓީއެއްގައެވެ. އެ ސިޓީގައިވަނީ “ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގެ 177 ވަނަ މާއްދާގެ (ހ) ދަށުން މިނިސްޓަރ އޮފް ހޯމް އެފެއާޒް ޑޮކްޓަރ މުޙައްމަދު ޖަމީލް އަޙްމަދުގެ މައްޗަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ހުށަހަޅާފައިވާ އިތުބާރުނެތްކަމުގެ މައްސަލަ މިވަގުތު ކުރިއަށް ނުގެންދިޔުމަށް މިގްރޫޕްގައި މިއަދު ބޭއްވި ބައްދަލުވުމުގައި ނިންމާފައިވާތީ އެމައްސަލަ އަނބުރާ ނަގަމެވެ.”

27 ޛުލްޙިއްޖާ 1433

12 ނޮވެމްބަރ 2012