އެއްވެ އުޅުމުގެ މިނިވަންކަމުގެ ބިލު ދިރާސާކުރައްވާ ވަގުތީ ކޮމިޓީގެ 11 ވަނަ ބައްދަލުވުން ބާއްވަވައިފި

މިއަދު ބޭއްވުނު އެއްވެ އުޅުމުގެ މިނިވަންކަމުގެ ބިލު ދިރާސާކުރައްވާ 7 މެންބަރުންގެ ވަގުތީ ކޮމިޓީގެ ބައްދަލުވުމުގައި އެބިލުގެ 25 ވަނަ މާއްދާ ދިރާސާކުރެއްވުމުގެ މަސައްކަތް ކުރިއަށް ގެންދަވައިފިއެވެ.

މިއަދުގެ ބައްދަލުވުމުގައި، ކޮމިޓީން ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ބިލުގެ 25 ވަނަ މާއްދާއާ ގުޅޭގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސް އާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އާއި ދެމެދު މަޝްވަރާކުރެވިގެން އެކުލަވާލެވުނު ޑްރާފްޓް ކަރުދާހާއި އަދި އެއާއެކު ހިމެނޭ ކުރެހުންތައް އެމުއައްސަސާތަކުން ފޮނުވުމުން އެ ޑްރާފްޓް ދިރާސާކުރެއްވުމުގެ މަސައްކަތެވެ. އެހެންނަމަވެސް، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް. އެން. ޑީ. އެފް) އިން ފޮނުވަންޖެހޭ ޑްރާފްޓް ކޮމިޓީގެ ބައްދަލުވުން ފެއްޓެވުމާ ހަމައަށްވެސް ލިބިފައި ނުވުމުގެ ސަބަބުން، ބިލުގެ އެމާއްދާ ކޮމިޓީން ދިރާސާކޮށް ނިންމާލެވިފައި ނުވެއެވެ.

އަދި، ބިލުގެ 25 ވަނަ މާއްދާއަށް އެމް. އެން. ޑީ. އެފް އިން ފޮނުވަންޖެހޭ ޑްރާފްޓް މިއަދު ރަސްމީކޮށް އެއިދާރާއިން ހޯއްދެވުމަށާއި، މާދަމާގެ ބައްދަލުވުމުގައި އެ ޑްރާފްޓްތަކާމެދު ގޮތެއް ނިންމުމަށް ފަސޭހަވާނެގޮތް ހެއްދެވުމަށް ކޮމިޓީގެ ސެކެރެޓޭރިއޭޓް މެދުވެރިކޮށް ކޮމިޓީގެ މެންބަރުންނަށް މިއަދު ފޮނުއްވައި ދެއްވުމަށް ކޮމިޓީން ނިންމަވާފައިވެއެވެ.

ބިލުގެ 25 ވަނަ މައްދާއަކީ އެއްވުން ބާއްވާ ތަންތަނާއި އެއްވުން ބައްވާ ސަރަޙައްދުތައް ކަނޑައެޅިގެންދާ އެއްވެއުޅުމުގެ މިނިވަންކަމުގެ ބިލުގެ މައްދާއެވެ.

މިއަދު ބޭއްވުނު އެއްވެއުޅުމުގެ މިނިވަންކަމުގެ ބިލު ދިރަސާކުރައްވާ ކޮމިޓީގެ ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ ވިލިފުށި ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު، ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު އާމިރު، އަދި ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރުއެވެ.