ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގައި ހުންނަވައިގެން އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ގަސްތުގައި ރައްޔިތުންގެ ޙައްޤުތައް ނިގުޅައިގަނެ ހިންގާފައިވާ ލާއިންސާނީ އަނިޔާ ބެލުމާއި މިނިވަން ކޮމިޝަނެއް އުފެއްދުމުގެ ޤަރާރުގެ ބަހުސް ކުރިއަށްގެންދަވައިފި

މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ހުށަހަޅުއްވާފައިވާ، ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގައި ހުންނަވައިގެން އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ގަސްތުގައި ރައްޔިތުންގެ ޙައްޤުތައް ނިގުޅައިގަނެ ހިންގާފައިވާ ލާއިންސާނީ އަނިޔާ ބެލުމާއި މިނިވަން ކޮމިޝަނެއް އުފެއްދުމުގެ ޤަރާރުގެ ބަހުސް މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކުރިއަށްގެންދަވައިފިއެވެ. މިޤަރާރަށް ޖުމްލަ 16 މެންބަރުން މިއަދު ވާހަކަ ދައްކަވާފައިވެއެވެ.

މީގެއިތުރުން މިއަދުގެ ޖަލްސާގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙްމަދު މަޚްލޫފް ހުށަހަޅުއްވާފައިވާ، ޖިނާޢީ ޢަދުލުގެ ނިޒާމު ރަނގަޅުގޮތުގައި ކުރިއަށް ގެންދިއުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ އެހެނިހެން ބިލުތަކުގެ ތެރެއިން ކޮންމެހެން ފާސްކުރަންޖެހޭ ބިލުތައް ފާސްކުރުމަށް ގޮވާލުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 142 ވަނަ މާއްދާގެ ދަށުން ހުށަހަޅާ ޤަރާރު ބަލައިގަންނަން ފެނިވަޑައިގަންނަވާތޯ ވޯޓަށް އައްސަވާފައިވެއެވެ. އެހެންނަމަވެސް މިޤަރާރު ބަލައިގަންނަން މަޖިލީހުން ފާސްކުރައްވާފައެއް ނުވެއެވެ.

މިއަދުގެ ޖަލްސާގެ ރިޔާސަތު ބަލެހެއްޓެވީ ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް އެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 7 ނޮވެމްބަރ 2012 ވާ ބުދަދުވަހު ހެނދުނު 09:00 ގައި މަޖިލީސްކުރާގޭގައެވެ.

21 ޛުލްޙިއްޖާ 1433

6 ނޮވެމްބަރ 2012