ސާކް ސްޕީކަރސް އެންޑް ޕާލަމަންޓޭރިއަންސް ގެ ބައްދަލުވުން ވެރިރަށް އިސްލާމްއާބާދުގައި މިއަދު ފެށިއްޖެއެވެ. މި ބައްދަލުވުން އިފްތިތާޙު ކޮށްދެއްވީ ޕާކިސްތާނުގެ ރައީސް ހިޒް އެކްސެލެންސީ އާސިފް ޢަލީ ޒަރްދާރީއެވެ.
މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު ވާހަކަފުޅު ދެއްކެވިއެވެ. އެ މަނިކުފާނުގެ ވާހަކަފުޅުގައި ރާއްޖޭގެ ޤާނޫނު ހަދާ މަޖިލިސް ހިނގަމުންދާ އިމާރަތަކީ، ޕާކިސްތާނުގެ ދީލަތި ހަދިޔާއެއް ކަމުގައި ވިދާޅުވެ، ޕާކިސްތާނުގެ ރައްޔިތުންނަށް ޝުކުރު އަދާކުރެއްވިއެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ޕާކިސްތާނުގެ އިސްލާމްއާބާދުގައި ބޭއްވޭ މި ބައްދަލުވުމަކީ ވަރަށް ފާހަގަކޮށްލެވޭ ބައްދަލުވުމެއް ކަމަށެވެ. އެއީ މި ކޮންފަރަންސްގެ ބައެއްގެ ގޮތުގައި މިއަހަރުގެ ފުރަތަމަ ސާކް ޕާލަމަންޓްތަކުގެ އަންހެން ޕާލަމަންޓޭރިއަނުން ބައްދަލު ކުރައްވައި، އަންހެނުންނަށް ދިމާވާ ކަންކަމުގައި މަޝްވަރާ ކުރައްވާފައިވާތީއެވެ.
މަޖިލީހުގެ ރައީސްގެ ވާހަކަފުޅުގައި މި ބައްދަލުވުން ކުރިއަށްދާ ދުވަސްވަރަކީ، އަޅުގަނޑުމެންގެ މި ރީޖަންއަށާއި އާންމުކޮށް މުޅި ދުނިޔެއަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ ދުވަސްވަރެއްކަން ވިދާޅުވިއެވެ. އެގޮތުން މޫސުމަށް އަންނަމުންދާ ބަދަލުތަކާއި، މި ދުނިޔޭގެ އިޤްތިސާދަށް އަންނަމުންދާ ބަދަލުތަކާއި ސިޔާސީ މަސްރަހަށް އަންނަމުންދާ ބަދަލުތަކުގެ މައްޗަށް ބައްލަވާލެއްވިއެވެ. އަދި މި ދުވަސްވަރަކީ އެއްބަޔަކު އަނެއް ބަޔަކަށް އެހީތެކަމާއި، މަދަދު ފޯރުކޮށްދޭންވީ ދުވަސްވަރެއް ކަމުގައި ވިދާޅުވިއެވެ.
މަޖިލީހުގެ ރައީސްގެ ވާހަކަފުޅުގައި މަޖިލީހުގެ ރައީސްއަށާއި ރައީސްގެ އަރިހުގައި ވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ ވަފުދުގެ ބޭފުޅުންނަށް ޕާކިސްތާނުގެ ޤާނޫނު ހަދާ މަޖިލީހުން ވިދާޅުވި ހޫނު މަރުޙަބާޔާ ދެއްވި ފުރިހަމަ މެހެމާންދާރީއަށްޓަކައި، ޕާކިސްތާނުގެ ނޭޝަނަލް އެސެމްބްލީގެ ސްޕީކަރ ޑރ. ފަހްމީދާ މިރްޒާއަށް ޝުކުރުއަދާ ކުރެއްވިއެވެ.
މަޖިލީހުގެ ރައީސްގެ ވާހަކަފުޅުގައި ފުރިހަމަ ޤާނޫނުތަކެއް އަދި ގަވާއިދުތަކެއް ހެދުމަށް ޑިމޮކްރެޓިކް ވެއްޓެއް އެ ޤައުމަކަށް ހޯދުމަށް މުހިންމުކަމަށް ވިދާޅުވިއެވެ. އަދި އޭގެ ސަބަބުން ސަރުކާރަށް އެޤައުމެއްގެ ރައްޔިތުންނަށް ފުރިހަމަ އެހީތެރިކަން ފޯރުކޮށްދެވޭނެކަމާއި، މި ރީޖަންއަށް އަދި މުޅި ދުނިޔެއަށް ބެލިކަމުގައިވިޔަސް ޑިމޮކްރަސީއަކީ އޭގެ ޒާތުގައި އަބަދުވެސް ފުރިހަމަ ވަމުން ދާ އެއްޗެއް ކަމުގައި ވިދާޅުވިއެވެ. އަދި ސިޔާސީ މާޙައުލަށް ނުވަތަ އިޤްތިސާދެއް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން އެއަށް އަސަރުކުރަމުންދާ އެއްޗެއް ކަމުގައި ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހުގައި ޕާކިސްތާނަށް ވަޑައިގެންނެވި މަޖިލީހުގެ ވަފުފުގައި ހިންނަވަރު ދާއިރާގެ މެންބަރު އަލްފާޟިލް އިބްރާޙިމް މުޙަންމަދު ސާލިޙު އާއި ހުޅުހެންވޭރު ދާއިރާގެ މެންބަރު އަލްފާޟިލް މޫސާމަނިކު އާއި ފެލިދޫ ދާއިރާގެ މެންބަރު އަލްފާޟިލް ޔޫސުފް ނައީމް އާއި މަހިބަދޫ ދާއިރާގެ މެންބަރު އަލްފާޟިލާ ރުޤިއްޔާ މުޙަންމަދު އަދި ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އަލްފާޟިލް އަބްދުﷲ މަސީޙް މުޙަންމަދު އަދި ރައްޔިތުންގެ މަޖިލީހުގެ އަމީން ޢާންމު އަލްއުސްތާޛް އަޙްމަދު މުޙަންމަދު ހިމެނިވަޑައިގަންނަވައެވެ.