ސަރުކާރު މައްސޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ 17 ވަނަ ބައްދަލުވުން ބާއްވައިފި

މިއަދުގެ ބޭއްވުނު ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ 17 ވަނަ ބައްދަލުވުމުގައި 02 މައްސަލައެއް ދިރާސާކުރެއްވުމުގެ މަސައްކަތް ކުރިއަށް ގެންދަވައިފިއެވެ.

މި ބައްދަލުވުމުގައި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދެ ފެކަލްޓީއާއި ސެންޓަރު އަދި ދަރިވަރުންގެ ޚިދުމަތްތަކާބެހޭ ބަޔާއި ޔުނިވަރސިޓީގެ މައި ނެޓްވާރކް ހިމެނޭ އިމާރާތުން، ބަދަލުގައި ވަންނާނެ ތަނެއްނެތި މިހާރުން މިހާރަށް ނުކުތުމަށް ބައެއް ފަރާތްތަކުން ޕްރެޝަރ ކުރަމުންދާތީ، މިމައްސަލަ ބައްލަވައިދެއްވުމަށް އެދި ފޮނުއްވާފައިވާ ސިޓީއާއި ގުޅޭގޮތުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފަރާތުން ޑެޕިއުޓީ ވައިސް ޗާންސެލަރ އަލްފާޟިލް ފައްޔާޟް ޢަލީ އަދި ޑެޕިއުޓީ ވައިސް ޗާންސެލަރ އަލްފާޟިލް ޙުސައިން ޙަލީމް ޙާޒިރުކުރައްވައި އެފަރާތުން މިމައްސަލައާއިގުޅޭ އިތުރު ތަފްޞީލް ސާފު ކުރައްވައިފިއެވެ. އަދި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފަރާތުން މި މައްސަލައާއި ގުޅޭ ލިޔެކިޔުންތައް މި ކޮމިޓީއަށް، ހުށަހަޅުއްވާނެ ވާހަކަ މިއަދުގެ ބައްދަލުވުމުގައި ދެންނެވިއެވެ.

އަދި ޙައްޖަށް ގެންގޮސްދޭނެކަމަށް ބުނެ، ރާއްޖޭގެ ބައެއް ޙައްޖު ގްރޫޕުތަކުން މަކަރާއި ހީލަތުން ވަރަށް ގިނަ އަދަދެއްގެ މީހުންގެ އަތުން ފައިސާ ނަގާފައިވާ މައްސަލައެއް ހުށަހެޅުމާއި ގުޅިގެން، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒްގެ ބޭފުޅުންނާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ގެ ބޭފުޅުންނާއި ބައްދަލުކޮށް މަޢުލޫމާތު ސާފުކުރެއްވިއެވެ.

މިއަދު ބޭއްވުނު ކޮމިޓީގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވީ، މުޤައްރިރު ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަހީދު، ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޢަބްދުލް ޣަފޫރު މޫސާ، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ، މަޑުއްވަރި ދާއިރާގެ މެންބަރު ވިސާމް ޢަލީ، ވިލިމާފަންނު ދާއިރާގެ މެންބަރު އަޙްމަދު ނިހާން ހުސައިން މަނިކް، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޝިފާޤް މުފީދު އަދި މަނަދޫ ދާއިރާގެ މެންބަރު މުހައްމަދު ތާރިޤްއެވެ.