ސަބްސިޑީ ގޮތުގައި 2012 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓްގައި ހިމަނާފައިވާ 100 މިލިއަން ރުފިޔާ މިހާތަނަށް ސަރުކާރުން މަސްވެރިންނަށް ދީފައިނުވާތީ ވަގުތުން ވަގުތަށް ސަބްސިޑީ ދިނުމަށް، އަދި ސަރުކާރުގެ މަސްކުންފުނިތަކުގެ ފައިދާ އަމިއްލަ ފަރާތްތަކުން ކޮރަޕްޝަނަށް މަގުފައިވާގޮތަށް، އަދި މަސްވެރިންގެ ސިނާއަތް ބަނގުރޫޓުވާފަދަ ގޮތެއްގައި ސިޔާސީ ފަރާތްތަކުން ބޭނުންކުރަމުންދާ މައްސަލައިގެ ޤަރާރު މަޖިލީހުން ބަލައިގެންފި

މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުޙަންމަދު ރަޝީދު ހުށަހަޅުއްވާފައިވާ ސަބްސިޑީ ގޮތުގައި 2012 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓްގައި ހިމަނާފައިވާ 100 މިލިއަން ރުފިޔާ މިހާތަނަށް ސަރުކާރުން މަސްވެރިންނަށް ދީފައިނުވާތީ ވަގުތުން ވަގުތަށް ސަބްސިޑީ ދިނުމަށް، އަދި ސަރުކާރުގެ މަސްކުންފުނިތަކުގެ ފައިދާ އަމިއްލަ ފަރާތްތަކުން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް، އަދި މަސްވެރިންގެ ސިނާއަތް ބަނގުރޫޓުވާފަދަ ގޮތެއްގައި ސިޔާސީ ފަރާތްތަކުން ބޭނުންކުރަމުންދާ މައްސަލައިގެ ޤަރާރު ރައްޔިތުންގެ މަޖިލީހުން މިއަދު ބަލައިގެންފިއެވެ.

މިޤަރާރު މަޖިލީހުން ބަލައިގަތުމާގުޅިގެން ދިރާސާކުރެއްވުމަށް ވަނީ އިޤްތިޞާދީ ކޮމިޓީއަށް ފޮނުވިފައެވެ. މި ޤަރާރު ބަލައިގަންނަން ފާސްކުރައްވާފައިވަނީ 37 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. އެއްވެސް މެންބަރަކު ބަލައިގަންނަން ފެނިވަޑައިނުގަންނަވާކަމަށް ވޯޓް ދެއްވާފައިނުވާއިރު 5 މެންބަރަކު ވަކިފަރާތަކަށް ވޯޓުދެއްވަން ބޭނުންފުޅުނުވާކަމަށް ވޯޓް ދެއްވާފައިވެއެވެ.

މިއަދުގެ ޖަލްސާގައި ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 9/2009 (ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި ޢިނާޔަތްތަކާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް ކުރިއަށްގެންދަވާފައިވެއެވެ.

ކޯރަމް ގެއްލިގެން މިއަދުގެ ޖަލްސާ ނިންމަވާލެއްވިއިރު ބަހުސް ކުރެވެމުންދިޔައީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙްމަދު މަޚްލޫފް ހުށަހަޅުއްވާފައިވާ، ޖިނާޢީ ޢަދުލުގެ ނިޒާމު ރަނގަޅުގޮތުގައި ކުރިއަށް ގެންދިއުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ އެހެނިހެން ބިލުތަކުގެ ތެރެއިން ކޮންމެހެން ފާސްކުރަންޖެހޭ ބިލުތައް ފާސްކުރުމަށް ގޮވާލުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 142 ވަނަ މާއްދާގެ ދަށުން ހުށަހަޅާ ޤަރާރަށެވެ.

މިއަދުގެ ޖަލްސާގެ ރިޔާސަތު ބަލެހެއްޓެވީ ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް އެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 6 ނޮވެމްބަރ 2012 ވާ އަންގާރަދުވަހު ހެނދުނު 09:00 ގައި މަޖިލީސްކުރާގޭގައެވެ.

20 ޛުލްޙިއްޖާ 1433

5 ނޮވެމްބަރ 2012