މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާޢީ ކޮމިޓީގެ 16 ވަނަ ބައްދަލުވުމުގައި، އިޖްތިމާޢީ ކޮމިޓީގައި ހުރި 6 ބިލެއްގެ ސުންގަނޑި ކަނޑައެޅުއްވުން ކުރިއަށް ގެންދަވައިފިއެވެ.
މިގޮތުން، ސުންގަނޑި ކަނޑައެޅުއްވި ބިލުތަކަކީ މަޢުލޫމާތު ހޯދުމާއި ލިބިގަތުމުގެ ޙައްޤުގެ ބިލު، އިޖުތިމާޢީ ރައްކާތެރިކަމުގެ ބިލު، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ހުށަހަޅުއްވާފައިވާ ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ހުށަހަޅުއްވާފައިވާ ދައުލަތުން ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމާއި ޞިއްޙީ ޚިދުމަތުގެ ސިޔާސަތު ކަނޑައެޅުމުގެ ބިލު، މަޖިލީހުން ކޮމިޓީއަށް އަނބުރާ ފޮނުއްވާފައިވާ ޤާނޫނު ނަންބަރު 6/94 (ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ޤާނޫނު) އަށް އިޞްލާޙުގެނައުމުގެ ބިލު އަދި ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު ހުށަހަޅުއްވާފައިވާ ޖިންސީ ކުށުގެ ބިލެވެ.
މިއަދު ބޭއްވުނު އިޖްތިމާޢީ ކޮމިޓީގެ ބައްދަލުވުމަށް ޙާޒިރުވެވަޑައިގެންނެވީ ހިތަދޫ ދާއިރާގެ މެންބަރު ޙަސަން ލަތީފް، މަރަދޫ ދާއިރާގެ މެންބަރު ޙަސަން ޢާދިލް، މާވަށު ދާއިރާގެ މެންބަރު ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު، ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ މަޢުޞޫމް އަދި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙާމިދު ޢަބްދުލްޣަފޫރުއެވެ.