ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީގެ ރިޕޯޓާއި ގުޅޭގޮތުން، މިރޭ ބޭއްވުނު ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ 15 ވަނަ ބައްދަލުވުމަށް، ފަނޑިޔާރުން ވަޑައިނުގެންނެވުމުގެ ސަބަބުން، އެކަމަށް ގޮތެއް ކަނޑައެޅުއްވުމަށް މާދަމާގެ ވަގުތެއްގައި ކޮމިޓީގެ ބައްދަލުވުމެއް ބޭއްވުމަށް ނިންމަވާފައިވެއެވެ.
މިރޭގެ ބައްދަލުވުމުގައި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދެ ފެކަލްޓީއާއި ސެންޓަރު އަދި ދަރިވަރުންގެ ޚިދުމަތްތަކާބެހޭ ބަޔާއި ޔުނިވަރސިޓީގެ މައި ނެޓްވާރކް ހިމެނޭ އިމާރާތުން، ބަދަލުގައި ވަންނާނެ ތަނެއްނެތި މިހާރުން މިހާރަށް ނުކުތުމަށް ބައެއް ފަރާތްތަކުން ޕްރެޝަރ ކުރަމުންދާތީ، މިމައްސަލަ ބައްލަވައިދެއްވުމަށް އެދި ފޮނުއްވާފައިވާ ސިޓީއާއި ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އެއަށްފަހު ނިންމަވާފައިވަނީ، ސިޓީ ފޮނުއްވާފައިވާ ފަރާތްކަމުގައިވާ ޑެޕިއުޓީ ވައިސް ޗާންސެލަރ އަލްފާޟިލް ފައްޔާޟް ޢަލީ، ދެންއޮންނަ ކޮމިޓީގެ ބައްދަލުވުމަކަށް ޙާޒިރުކުރުމަށާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފަރާތުން މިމައްސަލައާއިގުޅޭ އިތުރު ތަފްޞީލް ކޮމިޓީއަށް ފޮނުއްވާ ދެއްވުމަށެވެ.
އަދި ޙައްޖަށް ގެންގޮސްދޭނެކަމަށް ބުނެ، ރާއްޖޭގެ ބައެއް ޙައްޖު ގްރޫޕުތަކުން މަކަރާއި ހީލަތުން ވަރަށް ގިނަ އަދަދެއްގެ މީހުންގެ އަތުން ފައިސާ ނަގާފައިވާ މައްސަލައެއް ހުށަހެޅުމާއި ގުޅިގެން، ކޮމިޓީގެ އެހެން ބައްދަލުވުމަކަށް، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒްގެ ބޭފުޅުންނާއި ބައްދަލުކޮށް މަޢުލޫމާތު ސާފުކުރެއްވުމަށް ނިންމަވާފައިވެއެވެ.
މީގެއިތުރުން، ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން ލިބެމުންދާ ގެއްލުންތަކާ ގުޅިގެން، މިކަން ބައްލަވާދެއްވުމަށް އެދި ހުށަހެޅުއްވި މައްސަލައާއި ގުޅިގެން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މި ކަމާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވޭނެ ބޭފުޅުން އަދި ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުގެ އިސް ބޭފުޅުންނާ، ބައްދަލުކުރެއްވުމަށް ނިންމަވާފައިވެއެވެ.
މިރޭ ބޭއްވުނު ކޮމިޓީގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވީ، މުޤައްރިރު ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަހީދު، ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ މަޢުސޫމް، ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސާ، ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޢަބްދުލް ޣަފޫރު މޫސާ، ހިންނަވަރު ދާއިރާގެ މެންބަރު އިބްރާޙީމް މުޙައްމަދު ޞާލިޙް، މަޑުއްވަރި ދާއިރާގެ މެންބަރު ވިސާމް ޢަލީ، މަނަދޫ ދާއިރާގެ މެންބަރު މުހައްމަދު ތާރިޤް، އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް އަދި ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޝިފާޤް މުފީދުއެވެ.