މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަނަށް 2012 ވަނަ އަހަރަށް ބޭނުންވާ ބަޖެޓާއި ގުޅޭގޮތުން މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކުރައްވައިފި

މިއަދު ކުރިއަށްގެންދެވި މާލިއްޔަތު ކޮމިޓީގެ 57 ވަނަ ބައްދަލުވުމުގައި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަނަށް 2012 ވަނަ އަހަރަށް ބޭނުންވާ ބަޖެޓާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މިގޮތުން، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަނަށް 2012 ވަނަ އަހަރު، ކުރިއަށް އޮތް 2 މަސް ދުވަހަށް ބޭނުންވާ ބަޖެޓް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ހުށަހަޅުއްވައި، އެ ބަޖެޓާއި ގުޅޭގޮތުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަނާއި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއާއި ދެމެދު މަޝްވަރާކުރައްވައި ދެފަރާތުން އެއްބަސްވާ ޙައްލެއް މިއަދުން ފެށިގެން 7 ދުވަސް (31 އޮކްޓޯބަރ 2012 ގެ ނިޔަލަށް) ތެރޭގައި ހޯއްދެވުމަށް އެމް.ބީ.ސީ އަށާއި ފިނޭންސް މިނިސްޓްރީއަށް ސިޓީ ފޮނުއްވުމަށް ކޮމިޓީއަށް ޙާޒިރުވެވަޑައިގެންނެވި މެންބަރުންގެ ޢިއްތިފާޤުން ނިންމަވާފައިވެއެވެ.

އަދި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަނުގެ ދަށުން ހިންގަމުންގެންދަވާ ޓެލެވިޜަން މޯލްޑިވްސް އާއި ދިވެހިރާއްޖޭގެ އަޑު، މިހާރަށްވުރެ ފައިދާ ކުރަނިވި އަދި ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަނުން ހުށަހަޅުއްވާ ރީ ސްޓްރަކްޗަރިންގ ޕްލޭނެއް މި އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ފޮނުއްވައިދެއްވުމަށް އެދި އެމް.ބީ.ސީއަށް ސިޓީ ފޮނުއްވުމަށް ކޮމިޓީއަށް ޙާޒިރުވެވަޑައިގެންނެވި މެންބަރުންގެ ޢިއްތިފާޤުން ނިންމަވާފައިވެއެވެ.

މީގެއިތުރުން، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަނުގެ މަސައްކަތްތައް މިހާތަނަށް ކުރައްވާފައިވަނީ ޤާނޫނާއި ގަވާއިދުތަކާއި އެއްގޮތަށްތޯ ބެލުމަށް ސްޕެޝަލް އޮޑިޓެއް (ޕަރފޯމަންސް އޮޑިޓެއް) ކުރެއްވުމަށް، އޮޑިޓަރ ޖެނެރަލްސް އޮފީހަށް ފޮނުއްވުމަށްވެސް ނިންމަވާފައިވެއެވެ.

މިއަދުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންފައިވަނީ މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން، އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒް، މަޑުއްވަރި ދާއިރާގެ މެންބަރު ވިސާމް އަލީ، ބިލަތްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަމްޒާ، ނޮޅިވަރަމު ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު، ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް، އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އަދި ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ މަސީޙް މުޙައްމަދުއެވެ.