އިޖްތިމާޢީ ކޮމިޓީގެ 15 ވަނަ ބައްދަލުވުމުގައި، މަޢުލޫމާތު ހޯދުމާއި ލިބިގަތުމުގެ ޙައްޤުގެ ބިލާއި ބެހޭގޮތުން ޓްރާންސް ޕޭރަންސީ މޯލްޑިވްސްގެ ބޭފުޅުންނާއި ބައްދަލުކުރައްވައިފިއެވެ.
މިއަދުގެ ބައްދަލުވުމުގައި، ދިވެހިރާއްޖޭގެ ކަމާބެހޭ ފަރާތްތަކަށް މަޢުލޫމާތު މިނިވަންކަމާބެހޭގޮތުން ބޭއްވުމަށް ހަމަޖެހިފައިވާ ސިމްޕޯޒިއަމްގައި، ބައިވެރިވާ ބައިނަލްއަޤުވާމީ ތަޖުރިބާކާރުންގެ ޓީމުގެ ފަރާތުން މަޢުލޫމާތުދެއްވާފައިވެއެވެ. މިގޮތުން، ބިލުގައިވާ 12 ވަނަ މާއްދާކަމުގައިވާ، ހުށަހެޅުމަށް އިޖާބަ ދިނުން މިމާއްދާ ހަނިކުރުމުގެ ދާއިރާއެއް އެހެން ބިލެއް މެދުވެރިކޮށް، އެހެން ޤައުމުތަކުގައި ނޯންނާނެ ކަމަށް މަޝްވަރާކުރެވުނެވެ. އަދި އެހެންޤައުމުތަކުގެ މަޢުލޫމާތު ހޯދުމާއި ލިބިގަތުމުގެ ޙައްޤުއޮންނަގޮތް ބައްލަވާދެއްވައި ބިލު މަސައްކަތް އަވަސްކޮށްދެއްވެވުމަށް ޓްރާންސް ޕޭރަންސީ މޯލްޑިވްސްގެ ބޭފުޅުން، ކޮމިޓީގެ މެންބަރުންގެ އަރިހުން އެދިވަޑައިގެންނެވިއެވެ.
މީގެއިތުރުން، މިބިލު ފާސްވުމުން، މަޢުލޫމާތު ހޯދުމާއި ލިބިގަތުމުގެ ޙައްޤު ދިވެހިރާއްޖޭގައި ލިބިދެވޭ ދާއިރާތައް އިތުރަށް ހަރުދަނާކޮށް، މަޢުލޫމާތު ލިބިގަތުމުގެ މަގު ވަކިވަކި ފަރުދުންނަށް ފަހިކޮށްދޭނެ އުޞޫލުތަކެއް ކަނޑައަޅިގެންދާނެ ކަމަކަށްވާތީ، މިބިލު ގެ މަސައްކަތް ވީހާވެސް އަވަސްކޮށްދެއްވޭތޯ ބައްލަވައިދެއްވައި، މަޖިލީހުން ވީހާވެސް އަވަހަކަށް މިބިލު ނިންމަވާދެއްވާނެކަމަށް އުއްމީދުކުރައްވާކަމުގައި ކޮމިޓީގެ މެންބަރުން ވިދާޅުވެފައިވެއެވެ.
މިއަދު ބޭއްވުނު ކޮމިޓީއަށް ވަޑައިގެންނެވި މެންބަރުންނަކީ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ މަސީޙު މުޙަންމަދު، ތިނަދޫ ދާއިރާގެ މެންބަރު މުޙަންމަދު ޤަސަމް، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހީމް މުއްޠަލިބް، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޙަސަން ލަޠީފް، ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ މަޢުޞޫމް އަދި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙާމިދު ޢަބްދުލްޣަފޫރުއެވެ.