ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 75/4 (ދިވެހިރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލަށް މިއަދު ބަހުސް ކުރައްވައިފިއެވެ.
މިއަދުގެ ޖަލްސާގައި މި ބިލަށް ޖުމްލަ 9 މެންބަރުން ވާހަކަ ދައްކަވާފައިވެއެވެ.
މި ބިލަށް ކަނޑައެޅިފައިވާ 1 ގަޑިއިރުގެ ބަހުސަށްފަހު ދެން ކުރިއަށް ގެންދެވުނީ ދިއްދޫ ދާއިރާގެ މެންބަރު އަޙްމަދު ސަމީރު ހުށަހަޅުއްވާފައިވާ، ދައުލަތުގެ ބަޖެޓު ސަޕޯޓްގެ ގޮތުގައި 300 މިލިއަން ރުފިޔާގެ ލޯނެއް ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާ ޚިލާފަށް ބޭންކް އޮފް މޯލްޑިވްސް ޕަބްލިކް ކޮމްޕެނީ އިން ނަގާފައިވާތީއާއި، އަދި އެ ލޯނު ނުނަގާކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހަށް ދޮގު މަޢުލޫމާތު ދީފައިވާތީވެ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 99 ވަނަ މާއްދާގެ ދަށުން، ރައްޔިތުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަޙީދު ޙަސަން މަނިކާއި، މިނިސްޓަރ އޮފް ފިނޭންސް ޢަބްދުﷲ ޖިހާދުގެ މައްސަލަ ތަޙްޤީޤުކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 142 ވަނަ މާއްދާއާއި އެ ގަވާއިދުގެ 143 ވަނަ މާއްދާގެ ދަށުން ހުށަހަޅާ ޤަރާރުގެ ބަހުސެވެ. މިޤަރާރަށް މިއަދު 8 މެންބަރުން ވާހަކަ ދައްކަވާފައިވެއެވެ.
ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 30 އޮކްޓޯބަރ 2012 ވާ އަންގާރަ ދުވަހު ހެނދުނު 09:00 ގައި މަޖިލީސްކުރާ ގޭގައެވެ.
24 އޮކްޓޯބަރ 2012