23 އޮކްޓޯބަރ 2012 ގައި ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ބޭއްވި ރައިޓް ޓު އިންފޮރމޭޝަން (މަޢުލޫމާތު ހޯދުމާއި ލިބިގަތުމުގެ ޙައްގު) ގެ ސިމްޕޯޒިއަމްގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު ވާހަކަފުޅު ދައްކަވައިފިއެވެ.
ކުރުނބާ މޯލްޑިވްސްގެ ބޯގަންވިލާ ހޯލްގައި ބޭއްވި މި ސިމްޕޯސިއަމްގައި، ރައްޔިތުންގެ މަޖިލިސްގެ ރައީސް ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، ޑިމޮކްރަސީ އަދި މިއޮތީ ވަރަށް ޅަފަތުގައިކަން ބަޔާން ކުރެއްވިއެވެ. އަދި ޑިމޮކްރަސީ ހަރުދަނާކޮށް، ހެޔޮވެރިކަމުގެ ސިޔާސަތެއް ގާއިމްކުރުމުގެ އަސާސީ ޙައްޤެއްގެ ގޮތުގައި ރައްޔިތުންނަށް ދައުލަތުގެ މަޢުލޫމާތު ލިބޭނެ ނިޒާމެއް ގާއިމުކުރުން ސިފަކުރެއްވިއެވެ. އަދި މަޢްލޫމާތު ހޯދުމާއި، މަޢްލޫމާތު ލިބިދިނުމުގެ މުހިންމުކަން
ފާހަގަކޮށް މިހައްގަށް ހޭލުންތެރިކަން އިތުރުކުރުމަށާއި، މައުލޫމާތުގެ މިނިވަންކަން ކުރިއެރުވުމަށް ރައްޔިތުންގެ މަޖިލިސްގެ ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
މިރޮނގުން ވާހަކަފުޅު ދައްކަވަމުން، މިހާރު އިޖްތިމާޢީ ކޮމިޓީއަށް ހުށައެޅިފައިވާ “މަޢުލޫމާތު ހޯދުމާއި ލިބިގަތުމުގެ ބިލާއި” ގުޅޭގޮތުން ކުރިއަށް އޮތްތާނގައި މަޖިލިސްގެ ތަޅުމުގައި ވަރަށް ތަފްސީލުގޮތަކަށް މެންބަރުން ވާހަކަދައްކަވާނެ ކަމުގައި ރައްޔިތުންގެ މަޖިލިސްގެ ރައީސް ވިދާޅުވިއެވެ. މަޖިލިސްގެ ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުން ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގައި މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ އޮނިގަނޑެއް އެކަށައަޅައި، ޤާނޫނު ހަދާ ފަރާތްތަކުގެ މައްސޫލިއްޔަތު ލުއިކޮށްދެއްވުމަށްޓަކައި ޓްރާންސްޕޭރަންސީ މޯލްޑިވްސް ގެ ފަރާތުން ކޮށްދެއްވި ހީވާގި މަސައްކަތަށް ޝުކުރުއަދާކުރެއްވިއެވެ.
