މިއަދު ބޭއްވުނު “ޤާނޫނު ނަންބަރު 2009/8 (ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު” ދިރާސާކުރެއްވުމަށް ހޮއްވެވި އިޖްތިމާޢީ ކޮމިޓީގެ ސަބް ކޮމިޓީގެ 2 ވަނަ ބައްދަލުވުން ބާއްވައިފިއެވެ.
މިއަދުގެ ބައްދަލުވުމުގައި، މިބިލާ ގުޅޭ ގޮތުން ކޮމިޓީގެ މެންބަރުންގެ މެދުގައި މަޝްވަރާކުރައްވައި ނިންމަވާފައިވަނީ ޕެންޝަނާބެހޭ ޤާނޫނަށް ހުށަހެޅުއްވާފައިވާ އިޞްލާޙުތައް ގެންނަން ނުފެންނަކަމަށެވެ. އަދި ސަބް ކޮމިޓީގެ މި ނިންމުން އިޖްތިމާޢީ ކޮމިޓީގެ ދެން އޮންނަ ބައްދަލުވުމަކަށް ހުށަހެޅުއްވުމަށްވެސް ސަބްކޮމިޓީން ނިންމަވާފައިވެއެވެ.
މިބައްދަލުވުމުގައި ސަބް ކޮމިޓީގައި ހިމެނިވަޑައިގަންނަވާ 5 މެންބަރުން ބައިވެރިވެވަޑައިގަތެވެ. އެއީ ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ މަޢުސޫމް، ވެލިދޫ ދާއިރާގެ މެންބަރު ޢަލީ މުޙަންމަދު، މަހިބަދޫ ދާއިރާގެ މެންބަރު ރުޤިއްޔާ މުޙަންމަދު، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހީމް މުއްޠަލިބް އަދި ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ މަސީޙް މުޙަންމަދުއެވެ.