ހިޒް އެކްސެލެންސީ މިސްޓަރ ލީ ޗަންގްޗުން ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

ކޮމިއުނިސްޓް ޕާޓީ އޮފް ޗައިނާ (ސީ.ޕީ.ސީ) ގެ ސެންޓްރަލް ކޮމިޓީ (ސީ.ޕީ.ސީ.ސީ.ސީ) ގެ ސްޓޭންޑިންގ ކޮމިޓީ އޮފް ދި ޕޮލިޓިކަލް ބިއުރޯގެ މެންބަރު ހިޒް އެކްސެލެންސީ މިސްޓަރ ލީ ޗަންގްޗުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޞިލް އަބްދުﷲ ޝާހިދުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މިއަދު ހެނދުނު 10:00 ގައި މި ބައްދަލުވުން ކުރިއަށްގެންދަވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައެވެ.

މި ބައްދަލުވުމުގައި ރާއްޖެއާއި ޗައިނާ ދެމެދު އޮންނަ އިޙްތިރާމާއި ރަޙްމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހި ކުރުމާއިމެދު ދެ ބޭފުޅުން މަޝްވަރާކުރައްވާފައިވެއެވެ. ރާއްޖެއާއި ޗައިނާ ދެމެދު އުފެދިފައިވަނީ ވަރަށް ތާރީޙީ ގުޅުމެއް ކަމަށް ވިދާޅުވެ، ދެ ޤައުމު ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރިތާ މިހާރު 40 އަހަރު ފުރިފައިވާކަން މަޖިލީހުގެ ރައީސް ފާހަގަކުރެއްވިއެވެ. މީގެ އިތުރުންދެ ޤައުމު ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި 2007 ވަނަ އަހަރު ބެއިޖިންގްގައި ހުޅުވުނު ރާއްޖޭގެ މިޝަންއަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަޑައިގެންނެވިކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ދެ ޤައުމު ދެމެދު އޮންނަ ޑިޕްލޮމެޓިކް ގުޅުން ބަދަހިވަމުން ގޮސްފައިވާ ގޮތުގެ މައްޗައް އަލިއަޅުވާލައްވާ ހިޒް އެކްސެލެންސީ މިސްޓަރ ޗަންގްޗުން ދެއްކެވި ވާހަކަފުޅުގައި، މި ގުޅުމުގެ ސަބަބުން ދެ ޤައުމުގެ ތަރައްޤީއަށް އިތުރު ކުރިއެރުންތަން ލިބިފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ރައްޔިތުންގެ މަޖިލީހަށް އެހީގެ ގޮތުގައި 500,000 ޔުއާން ރެންބިންބީގެ ތަކެތި ހަދިޔާކުރައްވާފައިވެއެވެ.

ޗައިނާއިން ރާއްޖޭގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ދާއިރާތަކަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަން މަޖިލީހުގެ ރައީސް ފާހަގަކުރައްވައި، އެކަމަށާއި، ރައްޔިތުންގެ މަޖިލީހަށް ވެދެއްވި އެހީއަށް ޝުކުރުއަދާކުރެއްވިއެވެ.

މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ޗައިނާ ވަފްދުގެ ބޭފުޅުންގެ ތެރޭ ސީ.ޕީ.ސީ.ސީ.ސީގެ މިނިސްޓަރ އޮފް އިންޓަރނޭޝަނަލް ޑިޕާޓްމަންޓް (އައި.ޑީ.ސީ.ޕީ.ސީ) ހިޒް އެކްސެލެންސީ މިސްޓަރ ވާންގް ޖިއާރުއި، މިނިސްޓަރ އޮފް އެޑިއުކޭޝަން ހިޒް އެކްސެލެންސީ މިސްޓަރ ޔުއާން ގުއެރެން، މިނިސްޓަރ އޮފް ކަލްޗަރ، ހިޒް އެކްސެލެންސީ މިސްޓަރ ކާއީ ވޫ، ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ މިސްޓަރ ޔޫ ހޮންގްޔާއޯ، މިނިސްޓަރ އޮފް ދި ސްޓޭޓް އެޑްމިނިސްޓްރޭޝަން އޮފް ރޭޑިޔޯ، ފިލްމް އެންޑް ޓެލެވިޜަން، ހިޒް އެކްސެލެންސީ މިސްޓަރ ކާއީ ފުޗާއޯ، މިނިސްޓަރ އޮފް ދި ޖެނެރަލް އެޑްމިނިސްޓްރޭޝަން އޮފް ޕްރެސް އެންޑް ޕަބްލިކޭޝަން، ހިޒް އެކްސެލެންސީ މިސްޓަރ ލިއޫ ބިންޖީ، ވައިސް މިނިސްޓަރ އޮފް ދި ޕަބްލިސިޓީ ޑިޕާޓްމެންޓް އޮފް ދި ސީ،ޕީ.ސީ.ސީ.ސީ، ހިޒް އެކްސެލެންސީ މިސްޓަރ ސުން ޒީޖުން، ވައިސް މިނިސްޓަރ އޮފް ކޮމާރސް، ހިޒް އެކްސެލެންސީ މިސްޓަރ، ޖާންގް ޒެންގްވެއި ހިމެނިވަޑައިގަންނަވައެވެ.