މިއަދު ކުރިއަށްގެންދެވި މާލިއްޔަތު ކޮމިޓީގެ 53 ވަނަ ބައްދަލުވުމުގައި ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރުގެ ޙާއްސަ އޮޑިޓް ރިޕޯޓާއި ގުޅޭ ގޮތުން މަޝްވަރާތައް ކުރިއަށްގެންދަވައިފިއެވެ. އެގޮތުން މި އޮޑިޓް ރިޕޯޓްގައި ފާހަގަކުރެވޭ މައްސަލަތަކާއި މެދު އިތުރު މަޢުލޫމާތު ސާފުކުރެއްވުމުގެ ގޮތުން އޮޑިޓަރ ޖެނެރަލްއާއި، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ އިސް ބޭފުޅުންނާއި މާލިއްޔަތު ކޮމިޓީންވަނީ ބައްދަލުކުރައްވާފައެވެ.
މީގެ އިތުރުން މިއަދުގެ ބައްދަލުވުމުގައި 2011 ވަނަ އަހަރު އޮޑިޓް އޮފީސް އޮޑިޓް ކުރުމަށް ހުށަހެޅިފައިވާ ޕްރޮޕޯސަލްތައް ދިރާސާކުރެއްވުމަށް ހޮއްވެވި ސަބް ކޮމިޓީން މި މައްސަލަ ދިރާސާ ކުރައްވައި ނިންމެވި ގޮތުގެ ރިޕޯޓް މެންބަރުންނަށް ހިއްސާކުރައްވާ، މި ރިޕޯޓްގެ މައްޗައް މަޝްވަރާ ކުރެވިފައިވެއެވެ.
އަދި 2012 ވަނަ އަހަރު މަސްވެރިންނަށް ލިބިދިނުމަށް ކަނޑައަޅުއްވާފައިވާ 100 މިލިއަން ރުފިޔާ ސަބްސިޑީގެ ގޮތުގައި މަސްވެރިންނަށް ފޯރުކޮށްދިނުމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިން ހުށަހަޅުއްވާފައިވާ ކަރުދާސް ސަބް-ކޮމިޓީން ދިރާސާކުރައްވާ ނިންމެވިގޮތުގެ ރިޕޯޓާއި ބެހޭ ގޮތުންވެސް މަޝްވަރާތައް ކުރިއަށްގެންދަވާފައިވެއެވެ.
މިއަދުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންފައިވަނީ މުޤައްރިރު، ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް، މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް، އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒް، މަޑުއްވަރި ދާއިރާގެ މެންބަރު ވިސާމް އަލީ، ބިލަތްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަމްޒާ، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، ނޮޅިވަރަމު ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު، އަދި ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ މަސީޙް މުޙައްމަދުއެވެ.