މިއަދު ބޭއްވުނު ޤައުމީ ސަލާމަތު ކޮމިޓީގެ 5 ވަނަ ބައްދަލުވުމުގައި ބޭރުގެ ގައުމުތަކަށާއި ބައިނަލް އަޤްވާމީ ޖަމްޢިއްޔާތަކަށް ރާއްޖެއިން ކަނޑައަޅުއްވާފައިވާ 4 ސަފީރެއްގެ ނަންފުޅު ދިރާސާކުރައްވައިފިއެވެ.
މިގޮތުން، މިއަދު ޤައުމީ ސަލާމަތު ކޮމިޓީން ރުހުން ދިނުމަށް ފާސްކުރައްވާފއިވާ 4 ސަފީރުންނަކީ އިންޑިޔާގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމަށް މ. ފުންފިނި / އަލްފާޟިލް މުޙަންމަދު ނަޞީރު، ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމަށް ހ. ކާނޭޝަންވިލާ / އަލްފާޟިލް މުޙަންމަދު ރަޝީދު އެވެ. އަދި އަލްފާޟިލް އަޙްމަދު ސަރީރު / މ. ވެސްޓްސައިޑް އެމެރިކާގެ ސަފީރުކަމުގެ އިތުރުން އެކުވެރި ދައުލަތްތަކުގެ ޖަމްޢިއްޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަ ދާއިމީ މަންދޫބު ކަމަށްވެސް ފާސްކުރައްވާފައިވެއެވެ. އަދި އަލްފާޟިލް ޙުސައިން ޝިހާބު / މ. ކަލީ ސްރީލަންކާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައިވާ ހުންނަ ސަފީރުކަމުގެ އިތުރުން، ފިލިޕީންސްއަށާއި، އޮސްޓްރޭލިޔާއަށް ކަނޑައަޅާ ދިވެހިރާއްޖޭގެ ނޮން ރެސިޑެންޓް ސަފީރުކަމަށް ކަނޑައެޅުއްވުމަށް އެންމެ ރަނގަޅުކަމުގައި ފާސްކުރައްވާފައިވެއެވެ. އަދި މިނަންފުޅުތައް ކޮމިޓީން ދިރާސާކޮށް ނިންމަވައި، މަޖިލީހުން ގޮތެއް ނިންމުމަށްޓަކައި މަޖިލީހަށް ހުށަހެޅުމަށްވެސް ކޮމިޓީން ނިންމެވިއެވެ.
މިއަދުގެ ކޮމިޓީގެ ބައްދަލުވުމުގައި، މ. އޮނިގަނޑު، އާޔަތުﷲ ހުސައިންގެ ނަންބަރުން އޭނާއަށް ނޭނގި އޭނާގެ މޯބައިލް ނަންބަރުން އެކި މީސްމީހުންނަށް މެސެޖް ކުރާމައްސަލަ އާއި ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. މިމައްސަލަ ފުލުސް އޮފީހަށް ތަޙުގީގު ކުރުމަށް ފޮނުވުމަށް ނިންމަވައި، ފުލުސް އޮފީހުން މިމައްސަލަ ނިމުމުން ކަން ހިގައި ދިޔަގޮތުގެ ރިޕޯޓެއް ކޮމިޓީއަށް ފޮނުވައިދެއްވުމަށް އެދި ފުލުސް އޮފީހަށް ސިޓީ ފޮނުއްވުމަށް ނިންމެވިއެވެ.
މީގެއިތުރުން، ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް މައުމޫން އަބްދުލްޤައްޔޫމާއި، މއ. ކާމިނީ ހުޅަނގުގޭ / އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އާ ގުޅިގެން ހިންގަވާފައިވާކަމަށް ތުހުމަތުކޮށްފައިވާ 800 މިލިއަން ޑޮލަރުގެ ތެލުގެ ވަގުވިޔަފާރިއާ ޙިޔާނާތުގެ މައްސަލަ ތަޙްޤީޤް ކުރުމަށްއެދި ދިވެހި ސަރުކާރަށް ގޮވާލާ ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ޤަރާރާއި ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި އޮޑިޓަރ ޖެނެރަލް އޮފީހުންނާއި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިކަމާގުޅޭ މަޢުލޫމާތު ހޯދުމަށް އެތަންތަނަށް ސިޓީ ފޮނުއްވުމަށް ކޮމިޓީން ނިންމެވިއެވެ.
އަދި ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތަށް ބޮޑެތި ނުރައްކާތަކެއް އެކުލެވޭ މައްސަލަތަކެއް ކަމުގައި ފާހަގަކޮށް އިޒްރޭލުގެ ޤައުމީ އެއަރލައިންގެ ފްލައިޓްތައް ރާއްޖެއަށްް ދަތުރުކުރުމުގެ ހުއްދަ ދެއްވުމުގެ މައްސަލަ އާއި ގުޅިގެން މަޖިލީހުން ވަކި ގޮތެއް ނިންމަވާފައިވަނިކޮށް، ރާއްޖެއަށް އިޒްރޭލުގެ ފްލައިޓް ގަމަށް ޖައްސާފައިވޭތޯ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީން މަޢުލޫމާތު ސާފުކުރެއްވުމަށް ނިންމަވާފައިވެއެވެ.
އެއަށްފަހު، 24 ގަޑިއިރު ހިދުމަތްދޭ ފިހާރަތައް ހުޅުވައި ބަންދުކުރުމަށް ބަދަލުތަކެއް އައިސްފައިވަނިކޮށް، އެތައް ފިހާރަތަކަކަށް ގެއްލުންދީފައިވާ މައްސަލަ ބައްލަވައި އެކަންތައް ހުއްޓުވުމަށްޓަކައި ކުރެވިދާނެ ކަންތައްތަކަކީ ކޮބައިތޯ ބައްލަވައި، އެކަމާގުޅޭ މަޢުލޫމާތު ހޯއްދެއްވުމަށް ފުލުހުން ޙާޒިރުކުރުމަށް ނިންމެވިއެވެ.
މިބައްދަލުވުމަށް ޙާޒިރުވެވަޑައިގެންނެވި މެންބަރުންނަކީ ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު، މަނަދޫ ދާއިރާގެ މެންބަރު މުޙަންމަދު ޠާރިޤް، ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް، ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާ، ގަމު ދާއިރާގެ މެންބަރު ޔޫސުފް ޢަބްދުލްޣަފޫރު، ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙީމް ޢަބްދުﷲ، ދާންދޫ ދާއިރާގެ މެންބަރު މުޙަންމަދު ރިޔާޟް، މަޑަވެލި ދާއިރާގެ މެންބަރު މުޙަންމަދު ނާޒިމް، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޝިފާޤް މުފީދުއެވެ.