މިއަދު ބޭއްވުނު އިމްތިޔާޒް ކޮމިޓީގެ 14 ވަނަ ބައްދަލުވުމުގައި، މިއަހަރުގެ 7 އަދި 8 ފެބްރުއަރީގައި ރައްޔިތުންގެ މަޖިލީހުގެ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) އަށް ނިސްބަތްވާ ބައެއް ޢިއްޒަތްތެރި މެންބަރުންނަށް ސިފައިން އަނިޔާކުރެއްވިކަމުގެ ޝަކުވާތައް އައި.ޕީ.ޔޫއަށް ލިބިފައިވާތީ އެ ޝަކުވާތަކަކީ ސައްޙަ މަޢުލޫމާތުތޯ ބެއްލެެވުމަށް އެދި ފޮނުއްވާފައިވާ މައްސަލައާއި ގުޅޭގޮތުން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) ގެ ކަމާގުޅޭ މެންބަރުންނާއި ބައްދަލުކުރައްވައިފިއެވެ.
މިގޮތުން، މިބައްދަލުވުމުގައި މިކަމާގުޅޭގޮތުން މަޝްވަރާކުރެއްވުމަށްފަހު، ނިންމަވާފައިވަނީ 7 އަދި 8 ފެބްރުއަރީގައި އެމް.ޑީ.ޕީ އަށް ނިސްބަތްވާ ބައެއް ޢިއްޒަތްތެރި މެންބަރުންނަށް ލިބުނު އަނިޔާތަކާއި، އެބޭފުޅުންގެ އިޙްސާސްތައް ސާފުކޮށް ލިޔުމުން ކޮމިޓީއަށް ފޮނުއްވުމަށެވެ. އަދި ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި 5 މެންބަރުންގެ އަޢުލަބިއްޔަތުން ނިންމަވާފައިވަނީ މިމައްސަލައިގައި ފުލުހުންގެ ބަހެއް ނުހޯއްދަވައި ފޮނުވުމަށެވެ.
މީގެއިތުރުން، 2012 ފެބްރުއަރީ 7 އަދި 8 ގައި އެމް.ޑީ.ޕީ މެންބަރުންނަށް އަނިޔާ ކުރެއްވި ކަމުގެ މައްސަލަ ތަކުގެ މަޢުލޫމާތުތައް މާދަމާގެ 12:00 ގެ ކުރިން އިމްތިޔާޒް ކޮމިޓީއަށް ހުށަހަޅުއްވައިދެއްވުމަށްވެސް ކޮމިޓީއިން ނިންމަވާފައިވެއެވެ.
އަދި މިމައްސަލައާއި ގުޅޭގޮތުން ހޯއްދަވާ މަޢުލޫމާތުތައް މިމަހު އޮކްޓޯބަރ 21 އިން 26 އަށް ކެނެޑާގައި ބޭއްވުމަށް ހަމަޖެހިފައިވާ އައި.ޕީޔޫގެ އެސެމްބްލީގެ ތެރޭގައި ބޭއްވޭ އައި.ޕީޔޫގެ ހިއުމަން ރައިޓްސް ކޮމިޓީއިން ދިރާސާކުރެއްވުމަށް ހަމަޖެހިފައިވާކަމަށް އައި.ޕީޔޫގެ ސެކްރެޓަރީ ޖެނެރަލް މރ.އެންޑަރޒް ބީ. ޖޯންސަން ފޮނުއްވާފައިވާ ސިޓީގައި އެދިވަޑައިގެންފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) އަށް ނިސްބަތްވާ ޕާޓީގެ ފަރާތުން ކޮމިޓީއަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންނަކީ ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު، ބާރަށު ދާއިރާގެ މެންބަރު މުޙަންމަދު ޝިފާޒް، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަޙުމީ، މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ، ތިނަދޫ ދާއިރާގެ މެންބަރު މުޙަންމަދު ޤަސަމް އަދި ގައްދޫ ދާއިރާގެ މެންބަރު އަލްފާޟިލް ޒާހިރު އާދަމް އެވެ.