ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2009/9 (ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި ޢިނާޔަތްތަކާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ބަހުސް މިއަދު ކުރިއަށްގެންދަވައިފިއެވެ.
މިއަދުގެ ޖަލްސާގައި މި ބިލަށް ޖުމްލަ 13 މެންބަރުން ވާހަކަ ދައްކަވާފައިވެއެވެ.
މިބިލުގެ އިތުރުން މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުޙަންމަދު ރަޝީދު ހުށަހަޅުއްވާފައިވާ، ސަބްސިޑީ ގޮތުގައި 2012 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓްގައި ހިމަނާފައިވާ 100 މިލިއަން ރުފިޔާ މިހާތަނަށް ސަރުކާރުން މަސްވެރިންނަށް ދީފައިނުވާތީ ވަގުތުން ވަގުތަށް ސަބްސިޑީ ދިނުމަށް، އަދި ސަރުކާރުގެ މަސްކުންފުނިތަކުގެ ފައިދާ އަމިއްލަ ފަރާތްތަކުން ކޮރަޕްޝަނަށް މަގުފައިވާގޮތަށް، އަދި މަސްވެރިންގެ ސިނާއަތް ބަގުރޫޓުވާފަދަ ގޮތެއްގައި ސިޔާސީ ފަރާތްތަކުން ބޭނުންކުރަމުންދާ މައްސަލައިގެ ޤަރާރަށް ބަހުސް ކުރައްވާފައިވެއެވެ. މި ޤަރާރަށް 12 މެންބަރުން ވާހަކަ ދައްކަވާފައިވެއެވެ.
މީގެއިތުރުން މިއަދުގެ ޖަލްސާގައި މަސްވެރިންނާއި އޮޑިވެރިންނަށް މިވަގުތު ދިމާވެފައިވާ ދަތިތަކާއި މައްސަލަތަކަށް ހައްލެއް ހޯދައިދިނުމަށް މަޖިލީހުން ހޮއްވެވި ކޮމިޓީގެ ރިޕޯޓް ހުށަހެޅުއްވައި ބަހުސް ކުރައްވާފައިވެއެވެ. މި ރިޕޯޓް ހުށަހަޅުއްވައިދެއްވީ ކޮމިޓީގެ މުޤައްރިރު ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހީމް މުއްޠަލިބް އެވެ. މިރިޕޯޓަށް 12 މެންބަރުން ވާހަކަ ދައްކަވާފައިވެއެވެ.
ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 17 އޮކްޓޯބަރ 2012 ވާ ބުދަ ދުވަހު ހެނދުނު 09:00 ޖަހާއިރު މަޖިލީސްކުރާގޭގަ އެވެ.
16 އޮކްޓޯބަރ 2012