ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތް ކުރުމުގެ ހުއްދަ ދިނުމުގެ ގަވައިދު ދިރާސާ ކުރައްވައިފި

މިއަދު ބޭއްވުނު ގަވައިދު ކޮމިޓީގެ 26 ވަނަ ބައްދަލުވުމުގައި ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތް ކުރުމުގެ ހުއްދަ ދިނުމުގެ ގަވައިދު ދިރާސާ ކުރައްވައިފިއެވެ.

މިގޮތުން، މި ގަވައިދު އެއްކޮށް ބައްލަވައި އިޞްލާޙުގެންނެވިއެވެ. އަދި މިގަވައިދު ކޮމިޓީން ނިންމެވުމުގެ ކުރިން ކަމާގުޅޭ އިދާރާތަކުގެ ބޭފުޅުންނާއި، ޕްރައިވެޓް ވަކީލުންނާ ބައްދަލުކުރެއްވުމަށް ނިންމެވިއެވެ.

މިއަދުގެ ބައްދަލުވުމަށް ގަވައިދު ކޮމިޓީގެ 6 މެންބަރުން ކޮމިޓީއަށް ޙާޒިރުވެވަޑައިގެންނެވިއެވެ. އެއީ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު މުޙަންމަދު، އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު އަބްދުﷲ، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޙަސަން ލަޠީފް، ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ރަފީޤް ޙަސަން، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހީމް މުއްޠަލިބް އަދި އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު އަބްދުﷲ އެވެ. ގައްދޫ ދާއިރާގެ މެންބަރު ޒާހިރު އާދަމް އަދި ތިމަރަފުށި ދާއިރާގެ މެންބަރު އަޙްމަދު ޝަރީފު ކޮމިޓީއަށް ވަޑައިނުގަންނަވައެވެ. މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ޢަބްދުﷲ ޢަބްދުއްރަޙީމް ހުންނެވީ ޗުއްޓީގައެވެ. މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަޙްމަދު ދީދީ ހުންނެވީ ސަލާމުގައެވެ.