ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 217 ވަނަ މާއްދާއަށް ހުށަހަޅުއްވާފައިވާ އިޞްލާޙު ދިރާސާކުރެއްވުމަށްފަހު ޢާންމު ކޮމިޓީން ނިންމެވިގޮތުގެ ރިޕޯޓަށް މަޖިލީހުން ގެނައި އިޞްލާޙާއެކު މިއަދު ފާސްކުރައްވައިފިއެވެ.
ފާސްކުރެއްވި އިޞްލާޙުގައި ބަޔާންކުރަނީ” ‘ސަރުކާރު ނިސްބަތްވާ ޕާޓީ’ ކަމަށް ބުނެފައި އެވަނީ، ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވާ ޕާޓީއަށެވެ. ނުވަތަ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ތެރެއިން، ރައްޔިތުންގެ މަޖިލީހުގައި ސަރުކާރު ތަމްސީލުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ޕާޓީއަށް ނުވަތަ ޕާޓީތަކަށެވެ.”
މިއަދުގެ ޖަލްސާގައި، އާންމު ކޮމިޓީން ހުށަހަޅުއްވާފައިވާ ރިޕޯޓަށް، މަޖިލީހުން ގެންނެވި އިޞްލާޙާއިއެކު ފާސްކުރައްވަން ވޯޓް ދެއްވާފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން 45 މެންބަރުންނެވެ. ފެނިވަޑައިނުގަންނަވާކަމަށް ވޯޓް ދެއްވާފައިވަނީ 21 މެންބަރުންނެވެ.
މީގެއިތުރުން މިއަދުގެ ޖަލްސާގައި ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު މަޖިލީހުން ބަލައިގަންނަން ފެނިވަޑައިގަންނަވާތޯ ވޯޓަށް އަހާފައިވެއެވެ. އެހެންނަމަވެސް އެގޮތަށް ފާހެއްނުވިއެވެ.
އަދި މިއަދުގެ ޖަލްސާގައި މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ހުށަހަޅުއްވާފައިވާ، “ދިވެހި ރައްޔިތުންނަށް ދޭންފަށާފައިވާ ހެލްތް އިންޝުއެރެންސް “އާސަންދަ” ކުރިޔަށް ގެންދެވޭނެކަމާމެދު ސުވާލު އުފެދި ރަށްރަށުގެ ކަރަންޓާއި ފެނާއި ނަރުދަމާ އަދި ފަޅުހެދުމާއި ބޯހިޔާވަހިކަމާއި މަގުހެދުމުގެ މަޝްރޫޢޫތައް ކުރިޔަށް ގެންދެވޭނެ މަގެއް ނެތުމާއެކު ސަރުކާރުގެ މޫނުމަތި ރީތިކުރުމަށް ކުރާހޭދަ ހުއްޓާލުން” ޤަރާރު މަޖިލީހުން ބަލައިގަންނަން ފެނިވަޑައިގަންނަވާތޯ ވޯޓަށް އައްސަވާފައިވެއެވެ. މި ޤަރާރުވެސް މަޖިލީހުން ބަލައިގަތުމަށް ވަނީ ފާސްނުވެފައެވެ.
ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 16 އޮކްޓޯބަރ 2012 ވާ އަންގާރަ ދުވަހު ހެނދުނު 09:00 ޖަހާއިރު މަޖިލީސްކުރާގޭގަ އެވެ.