ިމިއަދުގެ އިޤްތިސާދީ ކޮމިޓީގެ ބައްދަލުވުމުގައި ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ބިލު އިތުރަށް ދިރާސާކުރައްވައިފި

މިއަދުގެ އިޤްތިޞާދީ ކޮމިޓީގެ 26 ވަނަ ބައްދަލުވުމުގައި ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ބިލު އިތުރަށް ދިރާސާކުރައްވައިފިއެވެ. މިގޮތުން މި ބިލުގެ 9 ވަނަ މާއްދާ އިން ފެށިގެން 15 ވަނަ މާއްދާގެ ނިޔަލަށް ދިރާސާކުރައްވައި، މަޝްވަރާ ކުރައްވާފައިވެއެވެ. އަދި ބިލުގެ 15 ވަނަ މާއްދާގައިވާ ޕޭ ކޮމިޝަންގެ މުސާރަ އެކުލަވާލުމުގައި ކަނޑައެޅިފައިވާ އިނާޔަތްތަކާ ބެހޭގޮތުން ކުރެއްވި މަޝްވަރާގައި، އޮޑިޓަރ ޖެނެރަލް ހުށައަޅުއްވާފައިވާ އިސްލާޙުތަކައް ބައްލަވަވައިލެއްވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކަންކަމުގެ ކޮމިޓީގެ 2012 ވަނަ އަހަރުގެ 26 ވަނަ ބައްދަލުވުން ބާއްވާފައިވަނީ މިއަދު ހެންދުނު 9:30 އިން ފެށިގެން 10:30 އަށެވެ. މި ބައްދަލުވުމަށް 6 މެންބަރުން ހާޒިރުވެވަޑައިގެންފައިވެއެވެ.

ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ މުޤައްރިރު ކިނިބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރު، މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ، ގަމު ދާއިރާގެ މެންބަރު ޔޫސުފް އަބްދުﷲ ޤަފޫރު، ތިނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ގަސަމް އަދި ފުނަދޫ ދާއިރާގެ މެންބަރު ޢަލީ ސަލީމްއެވެ.

ހާޒިރުވެވަޑައިނުގަންނަވާ މެންބަރުންނަކީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް،  މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު، މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް އަދި މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދުއެވެ.