މިމަހުގެ 11 އިން 13 ށް ދިވެހިރާއްޖޭގައި ބޭއްވި އޭޝިއާ ރީޖަނަލް އެސޯސިއޭޝަން އޮފް ދަ ޕަބްލިކް އެކައުންޓްސް ކޮމިޓީ (އެރެޕެކް)ގެ އަހަރީ ބައްދަލުވުން މިއަދު، (13 އޮކްޓޯބަރ 2012 ވީ ހޮނިހިރު ދުވަހު) ނިމިއްޖެއެވެ.
މިއަދު ބަނޑޮސް އައިލެންޑް ރިޒޯރޓްގައި ބޭއްވި މި ބައްދަލުވުމުގެ ދެވަނަ ދުވަހުގެ ސެޝަންތަކުގައި ޤާނޫނުހަދާ މަޖިލީހާއި އޮޑިޓްކުރާ ދައުލަތުގެ އެންމެ މަތީ މުއައްސަސާއާއި ދެމެދު އޮންނަ މުހިންމު ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި މެންބަރުން މަޝްވަރާކުރެއްވިއެވެ. އަދި ދެކުނު އޭޝިއާގެ ސަރަޙައްދުތަކުގެ މާލިއްޔަތު ކޮމިޓީތަކުގެ މަސައްކަތް ކުރިއަށްގެންދާ ގޮތާއި، ކުރިމަތިވާ ދަތިތަކާއިބެހޭގޮތުންވެސް މަޝްވަރާކުރައްވާފައިވެއެވެ.
މީގެއިތުރުން، (އެރެޕެކް)ގެ މިދައުރުގެ ޗެއާރޕާރސަން، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުޤައްރިރު އަލްފާޟިލް އަޙްމަދު ނާޒިމް ރިޔާސަތު ބެލެހެއްޓެވި މެންދުރުފަހު ދަންފަޅީގައި ކުރިއަށް ގެންދެވިފައިވަނީ (އެރެޕެކް)ގެ އަހަރީ އާންމު ބައްދަލުވުމެވެ. މިބައްދަލުވުމުގައި (އެރެޕެކް)ގެ ކުރިއަށް އޮތް ދައުރުގެ މަސައްކަތްތައް އެކަށައަޅުއްވައި އެމަސައްކަތްތައް ކުރުމަށް 2 މަސައްކަތު ގްރޫޕެއް އެކުލަވާލެއްވިއެވެ. އަދި މީގެއިތުރުން، 2013 ވަނަ އަހަރު (އެރެޕެކް)ގެ ދެވަނަ އަހަރީ ބައްދަލުވުން ބޭއްވުމަށް ޝްރީލަންކާއަށް ފުރުޞަތު ދެއްވާގޮތަށްވެސް މިބައްދަލުވުމުގައި ފާސްކުރެވުނެވެ.
އެއަށްފަހު، (އެރެޕެކް)ގެ ކުރިއަށް އޮތް ދައުރުގެ ހިންގާ ކޮމިޓީގެ މަޤާމުތަކަށް މެންބަރުން ޢައްޔަނު ކުރުން ކުރިއަށްގެންދެވިއެވެ. މިގޮތުން، (އެރެޕެކް)ގެ ހިންގާ ކޮމިޓީގެ ފަރސްޓް ޑެޕިއުޓީ ޗެއަރމަން ކަމަށް ސްރީލަންކާ ހަމަޖައްސަވާ ސެކަންޑް ޑެޕިއުޓީ ޗެއަރޕާސަންގެ މަޤާމަށް އިންޑޮނޭޝިއާ ހަމަޖެއްސެވިއެވެ. އަދި ކުރިއަށް އޮތް ދައުރުގެ ހިންގާ ކޮމިޓީ މެންބަރުންގެ ގޮތުގައި ތައިލަންޑް، ބަންގްލަދޭޝް އަދި އަފްޣާނިސްތާނު ހަމަޖެއްސެވިއެވެ.
މިއަދު ބޭއްވުނު އެރެޕެކްގެ ފުރަތަމަ އަހަރީ އާންމު ޖަލްސާގައި އދ. މަޖިލީހުގެ ޖެނެރަލް އެސެމްބްލީން ފާސްކޮށްފައިވާ ޤަރާރު ނަންބަރ A/66/209 މެންބަރު ޤައުމުތައް ބަލައިގަނެ އެޤަރާރާއި އެއްގޮތަށް މެންބަރު ޤައުމުތަކުގެ ކަންކަން ކުރިއަށް ގެންދިއުމަށް ފާސްކުރެއްވިއެވެ. މި ޤަރާރުގައި ގޮވާލައްވާފައިވަނީ ސަރުކާރުތަކުގެ ހިންގުން ހަރުދަނާ ކުރުވުމާއި، އުފެއްދުންތެރިކަން އިތުރުކޮށް ދެފުންފެންނަ، އަޑިއެނގޭގޮތަށް ރައްޔިތުގެ ފައިސާ ޚަރަދު ކުރުމަށްޓަކައި ކޮންމެ ދަޢުލަތެއްގެވެސް އެންމެ މައި އޮޑިޓް މުއައްސަސާ ބާރުވެރިކޮށް ހަރުދަނާކުރުވުން މެންބަރު ޤައުމުތަކަށް ގޮވާލައި ޤަރާރެކެވެ.
ތިންދުވަހަށް، ކުރިއަށް ގެންދެވުނު އެރެޕެކްގެ އަހަރީ ބައްދަލުވުމުގައި، އޭޝިއާ ސަރަޙައްދުގައި ހިމެނޭ އަފްޣާނިސްތާނު، ބަންގްލަދޭޝް، ބޫޓާން، އިންޑޮނޭޝިއާ، ދިވެހިރާއްޖެ، އިންޑިޔާ، ޝްރީލަންކާ، އަދި ތައިލެންޑް މި 8 ޤައުމުގެ ޤާނޫނުހަދާ މަޖިލީހުގެ މެންބަރުންގެ އިތުރުން، ދިވެހިރާއްޖެއާއި ބޫޓާންގެ އޮޑިޓަރ ޖެނެރަލުންނާއި، ވޯރލްޑް ބޭންކް އިންސްޓިޓިއުޓްގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި ތަޖުރިބާ ކާރުންގެ ޓީމެއް ހިމެނެއެވެ.
އޭޝިއާ ރީޖަނަލް އެސޯސިއޭޝަން އޮފް ދަ ޕަބްލިކް އެކައުންޓްސް ކޮމިޓީ (އެރެޕެކް) އަކީ 2010 ވަނަ އަހަރުގެ ޑިސެމްބަރ މަހު ބަންގްލަދޭޝްގެ ޑާކާގައި އޭޝިއާ ސަރަޙައްދުގެ ޤައުމުތަކުގެ މާލިއްޔަތު ކޮމިޓީ ތަކުގެ މެންބަރުން ގުޅިގެން ބޭއްވި ބައްދަލުވުމުގައި އެކުލަވާލާފައިވާ ޖަމްޢިއްޔާއެކެވެ. އެރެޕެކް ގެ މައިގަނޑު މަޤްޞަދަކީ އޭޝިއާ ސަރަޙައްދުގެ ޤައުމުތަކުގެ ތަރައްޤީއަށާއި “ގުޑް ގަވަރނެންސް” އަށް ކުރެވޭ މަސައްކަތްތައް ކުރުމުގައި މެންބަރު ޤައުމުތަކުގެ މާލިއްޔަތު ކޮމިޓީތަކުގެ މެދުގައި މަޢުލޫމާތާއި ތަޖުރިބާ ޙިއްޞާކުރުމާއި މިސަރަޙައްދުގެ ހުރިހާ ޤައުމެއްގެ މާލިއްޔަތު ކޮމިޓީތައް އެއްއުސޫލަކުން ހިންގައި ހަރުދަނާކުރުމެވެ. އަދި މާލިއްޔަތު ކޮމިޓީތަކުގެ ދައުރު ފުޅާކޮށް، ފެންވަރު މަތިކޮށް ރައްޔިތުންގެ ފައިސާ ޙަރަދުކުރުމުގައި ޖަވާބުދާރީ ކުރުވައި، ޒިންމާދާރު ގޮތެއްގައި ޚަރަދު ކުރެވޭކަން ކަށަވަރު ކުރުމަށް މަސައްކަތް ކުރުމެވެ.
