އޭޝިއާ ރީޖަނަލް އެސޯސިއޭޝަން އޮފް ދަ ޕަބްލިކް އެކައުންޓްސް ކޮމިޓީ (އެރެޕެކް)ގެ އަހަރީ ބައްދަލުވުން ފައްޓަވައިފި

މި މަހުގެ 11 އިން 13 ށް ރާއްޖޭގައި، ބޭއްވޭ އޭޝިއާ ރީޖަނަލް އެސޯސިއޭޝަން އޮފް ދަ ޕަބްލިކް އެކައުންޓްސް ކޮމިޓީ (އެރެޕެކް)ގެ އަހަރީ ބައްދަލުވުން މިއަދު ފައްޓަވައިފިއެވެ.

(އެރެޕެކް)ގެ އަހަރީ ބައްދަލުވުމުގައި، ސައުތް އޭޝަޔާގެ 08 ޤައުމު އަދި އިންޑޮނޭޝިޔާ އަދި ތައިލެންޑްގެ  އޮޑިޓަރ ޖެނެރަލުންނާއި، ވޯރލްޑް ބޭންކް އިންސްޓިޓިއުޓްގެ ފަރާތުން ބައިވެރިވަޑައިގަންނަވައެވެ.

މި ބައްދަލުވުމަކީ ސާކްގެ ގައުމުގެ މާލިއްޔަތު ކޮމިޓީތަކުގެ ގުޅުން ހަރުދަނާކޮށް، ގައުމުތަކުގެ މާލިއްޔަތު ކޮމިޓީތައް އެއްގޮތަކަށް ހަރަކާތްތެރިވުމަށްޓަކައި ބޭއްވޭ، އަހަރީ ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްފާޟިލް މުޙަންމަދު ވަހީދުއްދީން ދެއްކެވި ވާހަކަފުޅުގައި، ހަރުދަނާ ޑިމޮކްރަސީއެއް ޤާއިމް ކުރުމައްޓަކައި، ރައްޔިތުންގެ މަޖިލިސްގެ ފަރާތުން ކުރެއްވޭނެ މަސައްކަތަކީ، އަދި މާލިއްޔަތު ކޮމިޓީގެ ފަރާތުން ފަރާތުން ކުރެއްވޭނެ މަސައްކަތަކީ އެކިފަރާތްތަކާ، ފުޅާ ދާއިރާއެއްގައި ގުޅުން ބަދަހިކޮށް، މަޢުލޫމާތު ޚިއްސާކުރެއްވުން ކަމުގައި ވިދާޅުވިއެވެ. އަދި މިގޮތުން، އަރަޕެކަކީ، ކޮރަޕްޝަން ހުއްޓުވައި، ހެޔޮވެރިކަން ހިންގުމަށް އެހީތެރިވެދޭނެ ތަނަކަށް ވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި، ރައްޔިތުންގެ މަޖިލިސްގެ ރައީސް އަލްފާޟިލް އަބްދުއްﷲ ޝާހިދު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ފަރާތުން އިސްނަންގަވައިގެން އެރެޕެކް ބައްދަލުވުން ބޭއްވިކަން ފާހަގަކުރައްވައި، ރައްޔިތުންގެ މަޖިލިސްގެ މާލިއްޔަތު ކޮމިޓީގެ ފަރާތުން، މި ބައްދަލުވުން ބޭއްވުމަށް ކުރެއްވި މަސައްކަތަށް ޝުކުރުއަދާކުރެއްވިއެވެ.

އަދި ރައްޔިތުންނަށް ކޮށްދެވޭ ޚީދުމަތް އެންމެ ފުރިހަމަ ގޮތުގައި ކޮށްދެއްވުމަށްޓަކައި، ރައްޔިތުންގެ މަޖިލިސް އިތުރަށް ހަރުދަނާ ކުރުމާއި ބެހޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ. އަދި މި ބުރަ މަސައްކަތް އެންމެ ރަނގަޅަށް ކުރެއްވޭނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، އެހެން ޤައުމު ތަކުގެ ހުނަރުވެރި، ޤާބިލް އަދި ތަޖުރިބާކާރު، ބޭފުޅުންނާ ބައްދަލުކޮށް، މަޢުލޫމާތު ޚިއްސާކޮށް، އެމައުލޫމާތުގެ މައްޗަށް ބިނާކޮށް އިތުރު މަސައްކަތްތަކެއް ކުރެއްވުމުން ކަމުގައި ފާހަގަކުރެއްވިއެވެ.

އަރަޕެކް އުފެއްދީ 2010 ވަނަ އަހަރުގެ ޑިސެމްބަރު މަހު ބަންގްލަދޭޝްގެ ވެރިރަށް ޑާކާގަ އެވެ. އެ ޖަމާއަތުގައި އޭޝިއާގެ 11 ގައުމެއް ބައިވެރިވެ އެވެ. އަރަޕެކްގެ އަންނަ ދައުރުގެ ޗެއާމަނަކަށް ހޮވިވަޑައިގެންފައި ވަނީ، ރާއްޖޭގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރު އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަލްފާޟިލް އަޙުމަދު ނާޒިމްއެވެ.

 ނިމިގެން މިދާ ދައުރުގައި އެ ޖަމާއަތުގެ ޗެއާމަނަކީ ބަންގްލަދޭޝްގެ ޕާލަމެންޓް މެމްބަރު އަދި ޕަބްލިކް އެކައުންޓްސް ކޮމިޓީގެ މެންބަރު ޕްރޮފެސަރ ޢަލީ އަޝްރަފް އެވެ.