އޭޝިއާ ރީޖަނަލް އެސޯސިއޭޝަން އޮފް ދަ ޕަބްލިކް އެކައުންޓްސް ކޮމިޓީ (އެރެޕެކް)ގެ އަހަރީ ބައްދަލުވުން، މާދަމާ ފެށެނީ

މިމަހުގެ 11 އިން 13 ށް ދިވެހިރާއްޖޭގައި ބޭއްވޭ އޭޝިއާ ރީޖަނަލް އެސޯސިއޭޝަން އޮފް ދަ ޕަބްލިކް އެކައުންޓްސް ކޮމިޓީ (އެރެޕެކް)ގެ އަހަރީ ބައްދަލުވުން މާދަމާ ( 11 އޮކްޓޯބަރ 2012) ވާ ބުރާސްފަތި ދުވަހު ޓްރޭޑަރސް ހޮޓަލްގައި ފެށޭނެއެވެ.

މާދަމާ ބޭއްވޭ (އެރެޕެކް)ގެ އަހަރީ ބައްދަލުވުމުގައި، ބައިވެރިވެވަޑައިގަންނަވާ 48 ބޭފުޅުންގެ ތެރޭގައި، އޭޝިއާގެ 11 ޤައުމެއް: އަފްޢާނިސްތާނު، ބަންގްލަދޭޝް، ބޫޓާން، އިންޑޮނޭޝިއާ، ދިވެހިރާއްޖެ، މަންގޯލިޔާ، ޝްރީލަންކާ، ތައިލެންޑް، ޓިމޯ ލެސްތެ، ވިއެޓްނާމް އަދި ނޭޕާލްގެ ޤާނޫނުހަދާ މަޖިލީހުގެ މެންބަރުންނާއި، ބައެއް ޤައުމުތަކުގެ އޮޑިޓަރ ޖެނެރަލުންނާއި، ވޯރލްޑް ބޭންކް އިންސްޓިޓިއުޓްގެ ފަރާތުން ބައިވެރިކުރާ ތަޖުރިބާ ކާރުގެ ޓީމެއް ހިމެނެއެވެ.

އޭޝިއާ ރީޖަނަލް އެސޯސިއޭޝަން އޮފް ދަ ޕަބްލިކް އެކައުންޓްސް ކޮމިޓީ (އެރެޕެކް) އަކީ 2010 ވަނަ އަހަރުގެ ޑިސެމްބަރ މަހު ބަންގްލަދޭޝްގެ ޑާކާގައި އޭޝިއާ ސަރަޙައްދުގެ ޤައުމުތަކުގެ ޕަބްލިކް އެކައުންޓްސް ކޮމިޓީގެ މެންބަރުން ގުޅިގެން ބޭއްވި ބައްދަލުވުމުގައި އެކުލަވާލާފައިވާ ޖަމްޢިއްޔާއެކެވެ. އެރެޕެކް ގެ މައިގަނޑު މަޤްޞަދަކީ  އޭޝިއާ ސަރަޙައްދުގެ ޤައުމުތަކުގެ ތަރައްޤީއަށާއި “ގުޑް ގަވަރނެންސް” އަށް ކުރެވޭ މަސައްކަތްތައް ކުރުމުގައި މެންބަރު ޤައުމުތަކުގެ މާލިއްޔަތު ކޮމިޓީތަކުގެ މެދުގައި މަޢުލޫމާތާއި ތަޖުރިބާ ހިއްސާކުރުމާއި ހުރިހާ ޤައުމެއްގެ މާލިއްޔަތު ކޮމިޓީތައް އެއްއުސޫލަކުންހިންގައި ހަރުދަނާކުރުމެވެ.  އަދި މާލިއްޔަތު ކޮމިޓީތަކުގެ ދައުރު ފުޅާކޮށް ފެންވަރު މަތިކޮށް ރައްޔިތުންގެ ފައިސާ ޖަވާބުދާރީ ކުރުވެނި ޒިންމާދާރު ގޮތެއްގައި ޚަރަދު ކުރެވޭކަން ގައިމު ކުރުމަށް މަސައްކަތް ކުރުމެވެ.

2010 ޑިސެމްބަރ 18 އިން 19 ށް ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ބޭއްވުނު ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުޤައްރިރު އަލްފާޟިލް އަޙްމަދު ނާޒިމް ވަނީ އެރެޕެކްގެ ވައިސް ޗެއަރ ކަމަށް ޢައްޔަންކުރައްވާފައެވެ. އަދި އެރެޕެކްގެ ފުރަތަމަ އަހަރީ ބައްދަލުވުން ދިވެހިރާއްޖޭގައި ބޭއްވުމަށް އެބައްދަލުވުމުގައި ނިންމަވާފައިވެއެވެ.