މިއަދު ކުރިއަށް ގެންދެވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަލްމަރުޙޫމް ޑރ.އަފްރާޝީމް ޢަލީގެ ޒިކުރާ އާކުރައްވައިފިއެވެ.
މިގޮތުން މިޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 19 ވަނަ މާއްދާގެ (ހ) ގެ 12 ގެ ދަށުން ރައްޔިތުންގެ މަޖިލީހުން، އެމީހެއްގެ ނަން ފާހަގަކޮށް، ޝުކުރުވެރިކަމާއެކު ބަލައިގަންނަ މީހެއްގެ ގޮތުގައި މަޖިލީހުން މިއަދު ކަނޑައެޅުއްވުމާގުޅިގެން އަލްމަރުޙޫމް ޑރ.އަފްރާޝީމް ޢަލީގެ ހުވަފަތް އަނބިކަނބަލުން ގުރައިޝާ މުޙައްމަދު، އާއި 3 ބޭފުޅުންކަމުގައިވާ އައްޔޫބް އަފްރާޝީމް، ރުމައިސާ އަފްރާޝިމް، އަދި ޢައްޔާޝް އަފްރާޝީމް މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވިއެވެ.
“ޑރ.އަފްރާޝީމް ޢަލީގެ ޒިކްރާގައި އެންމެ ބަހަކުން، އެންމެ ލަފްޒަކުން އެއްޗެއް ދަންނަވަންޖެހޭނަމަ ދަންނަވަންޖެހޭނީ އެއީ ހީވާގި ބޭފުޅެކޭ،” ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު މިއަދު ވިދާޅުވިއެވެ. “އެއީ ޢިލްމުވެރިއެކޭ. އެއީ ބަސް ބުނުމުގައި ކެރޭ ބޭފުޅެކޭ. ސަމާސާ މިޒާޖެއް ގެންގުޅުއްވި އެންމެންނާއި ވެސް އެކުވެރިކަން ބާއްވަމުން ގެންދެވި މަޑުމައިތިރި މިޒާޖެއްގެ ބޭފުޅެކޭ.”
މަޖިލީހުގެ ރައީސް ވިދާޅުވީ މަރުޙޫމް ޑރ.އަފްރާޝީމް ޢަލީ އަކީ 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ހުންނަވައިގެން ޕެޓިޝަން ކޮމިޓީ އާއި އިމްތިޔާޒް ކޮމިޓީ އާއި ސުލޫކު ކޮމިޓީ އާއި ޤައުމީ ސަލާމަތު ކޮމިޓީ އާއި އިޖުތިމާޢީ ކޮމިޓީ އާއި ގަވާއިދު ކޮމިޓީގެ މެންބަރުކަން ކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ. އަދި ޢައިރު ދީން ތަކުގައި އަޅުކަންކުރާ ތަންތަން ދިވެހިރާއްޖޭގައި ޤާއިމް ކުރުން މަނާ ކުރެއްވުމުގެ ބިލު ދިރާސާކުރެއްވުމަށް ހޮއްވެވި ކޮމިޓީ އާއި ޤާނޫނުލްއުޤޫބާތުގެ ބިލު ދިރާސާކުރެއްވުމަށް ހޮއްވެވި ކޮމިޓީ އާއި ދިވެހިރާއްޖެއަށް ޤައުމީ ޔުނިވާރސިޓީގެ ބިލު ދިރާސާކުރެއްވުމަށް ހޮއްވެވި ކޮމިޓީ އާއި ތަރުޖަމާ ކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ބިލު ދިރާސާކުރެއްވުމަށް ހޮއްވެވި ކޮމިޓީގެ މެންބަރުކަންވެސް ކުރެއްވިކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. މީގެއިތުރުން ޕެޓިޝަން ކޮމިޓީގެ މުޤައްރިރު ކަމާއި ޢައިރު ދީންތަކުގެ އަޅުކަންކުރާ ތަންތަން ދިވެހިރާއްޖޭގައި ޤާއިމް ކުރުން މަނާކުރުމުގެ ބިލު ދިރާސާކުރެއްވުމަށް ހޮއްވެވި ކޮމިޓީގެ މުޤައްރިރުކަމާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 158 ވަނަ މާއްދާގެ (ބ) ގައިވާ ގޮތުގެމަތިން ޖުޑީޝަލް ސާރވިސް ކޮމިޝަންގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި އަލްމަރުޙޫމް ޑރ.އަފްރާޝީމް ޢަލީ ވަނީ 20 ޖުލައި 2009 އިން 13 ޖޫން 2011ގެ ނިޔަލަށް މަސައްކަތްޕުޅު ކުރައްވާފައިކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
މިއަދުގެ ޖަލްސާގައި މަޖިލީހުގެ މެންބަރުންގެ ފަރާތްޕުޅުން ޝުޢޫރު ފާޅުކުރެއްވުމުގެ ގޮތުން މަޖިލީހުގެ ހިމެނޭ ޕާޓީތަކުގެ ބޭފުޅުން ވާހަކަދައްކަވާފައިވެއެވެ. މިގޮތުން ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ފަރާތުން ވާހަކަ ދެއްކެވީ ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުޙައްމަދު ޞާލިޙް އެވެ. ޕޮރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ފަރާތުން ވާހަކަ ދެއްކެވީ މުލަކު ދާއިރާގެ މެންބަރު ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އެވެ. ދިވެހިރައްޔިތުންގެ ޕާޓީގެ ފަރާތުން ވާހަކަ ދެއްކެވީ ކެންދޫ ދާއިރާގެ މެންބަރު އަޙްމަދު ތަސްމީން ޢަލީ އެވެ. ޕީޕަލްސް އެލަޔަންސް ޕާޓީގެ ފަރާތުން ވާހަކަ ދެއްކެވީ ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް އެވެ. ޖުމްހޫރީ ޕާޓީގެ ފަރާތުން ވާހަކަ ދެއްކެވީ ފޭދޫ ދާއިރާގެ މެންބަރު އަލްޙާން ފަޙުމީ އެވެ. ޤައުމީ ޕާޓީގެ ފަރާތުން ވާހަކަ ދެއްކެވީ ވިލުފުށި ދާއިރާގެ މެންބަރު ރިޔާޟް ރަޝީދު އަދި ވަކިޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުންގެ ތެރެއިން ވާހަކަ ދެއްކެވީ ދުވާފަރު ދާއިރާގެ މެންބަރު މުޙައްމަދު ޒުބައިރު އެވެ.
ޖަލްސާގެ ފުރަތަމަ ދަންފަޅި ނިންމާލާފައިވަނީ އަލްމަރުޙޫމް ޑރ.އަފްރާޝީމް ޢަލީގެ ހަނދާނުގައި މަޖިލީހުގައި ޚާއްސަ ދުޢާއެއް ކުރެއްވުމަށްފަހުގައެވެ.
10 އޮކްޓޯބަރ 2012