މިއަދު ބޭއްވުނު މާލިއްޔަތު ކޮމިޓީގެ 51 ވަނަ ބައްދަލުވުމުގައި އޮޑިޓް އޮފީހުގެ 2013 ވަނަ އަހަރަށް ލަފާކުރާ ބަޖެޓާއި ބެހޭ ގޮތުން މަޝްވަރާކުރައްވައިފިއެވެ.މަޝްވަރާއަށްފަހު ކޮމިޓީން ނިންމެވީ އޮޑިޓް އޮފީހުން ހުށަހަޅުއްވާފައިވާ ބަޖެޓް ދިރާސާ ކުރެއްވުމުގެ މަސައްކަތް ސަބް-ކޮމިޓީއަކަށް ހަވާލުކުރެއްވުމަށެވެ.
އެއަށްފަހު މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓާއި މެދު މަޝްވަރާކުރެއްވިއެވެ. އަދި އޮޑިޓް ރިޕޯޓް ދިރާސާ ކުރެއްވުމުގެ މަސައްކަތް ސަބް-ކޮމިޓީއަކަށް ހަވާލުކުރެއްވިއެވެ.
މިއަދުގެ މާލިއްޔަތު ކޮމިޓީ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންނަކީ މުޤައްރިރު ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް، މަޑުއްވަރި ދާއިރާގެ މެންބަރު ވިސާމް އަލީ، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ މަސީޙް މުޙައްމަދު، ބިލަތްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަމްޒާ، އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް، މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް، އަލިފުށި ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒް، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، އަދި ނޮޅިވަރަމު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދުއެވެ.
