ކޮންވެންޝަން އޮން އިންޓަރނޭޝަނަލް ޓްރޭޑް އިން އެންޑޭންޖަރޑް ސްޕީޝީޒް އޮފް ވައިލްޑް ފައުނާ އެންޑް ފްލޯރާ (ސައިޓީސް) ގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް، ޤައުމީ ތަރައްޤީގެ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތަށް، މިއަދުގެ މަޖިލިސްގައި ވަނީ ފާސްކުރައްވައިފިއެވެ.
ސައިޓީސް ގައި ދިވެހިރާއްޖެއިން ފުރިހަމަ މެންބަރެއްގެ ގޮތުގައި ބައިވެރިވުމަށް ފެންނަކަމަށް 11 ޤައުމީ ތަރައްޤީގެ ކޮމިޓީގެ 04 ވަނަ ބައްދަލުވުމުގައި މެންބަރުންގެ އިއްތިފާޤުން ވަނީ ނިންމަވާފައެވެ.
ފާސްކުރައްވަން ފެނިވަޑައިގަންނަވާކަމަށް ވޯޓް ދެއްވީ 42 މެންބަރުންނެވެ. ފެނިވަޑައިނުގަންނަވާކަމަށް އެއްވެސް މެންބަރުން ވޯޓް ދެއްވާފައިވާއިރު 1 މެންބަރަކު ވަކިފަރާތަކަށް ވޯޓް ދެއްވާފައެއް ނުވެއެވެ.
އަދި ޤާނޫނު ނަންބަރު 96/10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގައިވާ އިޞްލާޙުތައް ގެންނެވުމަށް އިޤްތިޞާދީ ކޮމިޓީއަށް ފެނިވަޑައިނުގަންނަވާކަމަށް ކޮމިޓީން ނިންމަވާފައިވާތީ ކޮމިޓީން ހުށަހެޅުއްވިގޮތަށް މަޖިލީހުން ފާސްކުރެއްވުމާގުޅިގެން އެބިލުވަނީ ބާޠިލްވެފައެވެ.
މިގޮތަށް ފާސްކުރައްވަން ފެނިވަޑައިގަންނަވާކަމަށް ވޯޓް ދެއްވީ 40 މެންބަރުންނެވެ. 2 މެންބަރުން ފެނިވަޑައިނުގަންނަވާކަމަށް ވޯޓް ދެއްވާފައިވާއިރު 2 މެންބަރުން ވަކިފަރާތަކަށް ވޯޓް ދެއްވާފައެއް ނުވެއެވެ.
މީގެއިތުރުން މިއަދުގެ ޖަލްސާގައި މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ޖަދުވަލު 2 އަށް ހުށަހަޅުއްވާފައިވާ އިޞްލާޙު، ޢާންމު ކޮމިޓީން ދިރާސާކުރެއްވުމަށްފަހު ނިންމެވިގޮތުގެ ރިޕޯޓަށް ގެންނަވަން ފާސްކުރެއްވި އިސްލާޙާއެކު ފާސްކުރައްވާފައިވެއެވެ.
ފާސްކުރައްވަން ފެނިވަޑައިގަންނަވާކަމަށް ވޯޓް ދެއްވީ 34 މެންބަރުންނެވެ. ފެނިވަޑައިނުގަންނަވާކަމަށް 1 މެންބަރަކު ވޯޓް ދެއްވާފައިވާއިރު 3 މެންބަރުން ވަކިފަރާތަކަށް ވޯޓް ދެއްވާފައެއް ނުވެއެވެ.
