“އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަން” (އައި.އެލް.އޯ) ގެ އަސާސީ 8 މުޢާހަދާ ތަޞްދީޤުކުރުމުގެ މައްސަލަ، އިޤްތިޞާދީ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތަށް މިއަދު ފާސްކުރައްވައިފިއެވެ.
އިޤްތިޞާދީ ކޮމިޓީން ދިރާސާކުރައްވައި ނިންމެވީ މި 8 މުޢާހަދާ ތަޞްދީޤުކުރުމުގެ ސަބަބުން އިޤްތިސާދީ ގޮތުންނާއި، އިޖްތިމާޢީ ގޮތުންނާއި، މާލީގޮތުން ފައިދާތަކެއް ކުރާނެތީ އާއި އަދި އެ މުޢާހަދާ ތަސްދީޤުކުރުމުގެ ސަބަބުން ރާއްޖޭގެ ވަޒީފާގެ ބާޒާރަށް ހެޔޮ އަސަރުތަކެއް ކުރާނޭކަމަށް ފެންނާތީވެ، އައި.އެލް.އޯ ގެ އަސާސީ 8 މުޢާހަދާ ތަޞްދީޤުކޮށް އޭގެމައްޗަށް ޢަމަލުކުރުމުގައި ހަދަންޖެހޭ ޤާނޫނުތައް ވީ އެންމެ އަވަސް ފުރުޞަތެއްގައި ހަދައި ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަށް ސަރުކާރަށް ދެންނެވުމަށެވެ.
މި ގޮތަށް ފާސްކުރައްވަން ފެނިވަޑައިގަންނަވާކަމަށް ވޯޓް ދެއްވީ 36 މެންބަރުންނެވެ. 2 މެންބަރު ވަކިފަރާތަކަށް ވޯޓު ދެއްވާފައިނުވާއިރު އެއްވެސް މެންބަރަކު ފެނިވަޑައިނުގަންނަވާކަމަށް ވޯޓް ދެއްވާފައެއް ނުވެއެވެ.
މިއަދުގެ ޖަލްސާގައި “އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަން” (އައި.އެލް.އޯ) ގެ އަސާސީ 8 މުޢާހަދާ ތަޞްދީޤުކުރުމުގެ މައްސަލަ، އިޤްތިޞާދީ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓް ހުށަހަޅުއްވައިދެއްވީ ކޮމިޓީގެ މުޤައްރިރު ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރު އެވެ.
