ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 50 ވަނަ މާއްދާގެ (ރ) އަށް ހުށަހަޅުއްވާފައިވާ އިޞްލާޙު، ޢާންމު ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ގެންނަވަން ހުށަހަޅުއްވާފައިވާ އިޞްލާޙުތަކާއެކު ފާސްކުރައްވައިފި

ރަޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 50 ވަނަ މާއްދާގެ (ރ) އަށް ހުށަހަޅުއްވާފައިވާ އިޞްލާޙު، ޢާންމު ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ގެންނަވަން ހުށަހަޅުއްވާފައިވާ އިޞްލާޙުތަކާއެކު މިއަދު ފާސްކުރައްވައިފިއެވެ.

ކޮމިޓީން އިޞްލާޙްކުރުމަށް ނިންމެވި ކަންކަމަކީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 50 ވަނަ މާއްދާގެ (ރ) ގެ 7 ވަނަ ނަންބަރުގެ ފަހަތަށް 3 ނަންބަރު އިތުރުކުރުމެވެ.

އެއީ 50 ވަނަ މާއްދާގެ (ރ)ގެ 8 ވަނަ ނަންބަރު: ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 84 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވާ ޖަލްސާ ހިނގަމުންދާ ވަގުތު، 50 ވަނަ މާއްދާގެ (ރ) ގެ 9 ވަނަ ނަންބަރު: ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 114 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަޤާމުގެ ހުވައިކުރުމުގެ ޖަލްސާއެއް ހިންގަމުންދާ ވަގުތު، 50 ވަނަ މާއްދާގެ (ރ)ގެ 10 ވަނަ ނަންބަރު: ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 25 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ގޮތުގެމަތިން ރިޔާސީ ބަޔާނަށް ދޭ ޖަވާބު މަޖިލީހަށް އިއްވާ ވަގުތު، އަދި 50 ވަނަ މާއްދާގެ (ރ)ގެ 8 ވަނަ ނަންބަރު އެއީ އެ އަކުރުގެ 11 ވަނަ ނަންބަރު ކަމުގައި ހަމަޖެއްސުމެވެ. މީގެއިތުރުން، ބުނެވިދިޔަ މާއްދާގެ (ރ) އަށް ގެންނަ އިޞްލާޙުތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ވަކި މާއްދާއަކަށް ނުވަތަ ވަކި މާއްދާއެއްގެ ބަޔަކަށް ހަވާލާދީފައިވާ ތަންތަނަށް އަންނާނެ ބަދަލުތައް ގެނައުމެވެ.

ފާސްކުރައްވަން ފެނިވަޑައިގަންނަވާކަމަށް ވޯޓް ދެއްވީ 37 މެންބަރުންނެވެ. ފެނިވަޑައިނުގަންނަވާކަމަށް 4 މެންބަރުން ވޯޓް ދެއްވާފައިވާއިރު 1 މެންބަރަކު ވަކިފަރާތަކަށް ވޯޓް ދެއްވާފައެއް ނުވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 50 ވަނަ މާއްދާގެ (ރ) އަށް ހުށަހަޅުއްވާފައިވާ އިޞްލާޙު، ޢާންމު ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓް ހުށަހަޅުއްވައިދެއްވީ ކޮމިޓީގެ މެންބަރު ވައިކަރަދޫ ދާއިރާގެ މެންބަރު ޢަލީ އާރިފް އެވެ.

8 އޮކްޓޯބަރ 2012